ވިޔަފާރި

ބޭރުގެ އެއަރލައިނެއްގެ މަތިންދާބޯޓެއް މަރާމާތުކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ދިވެހި ކުންފުންޏަކަށް!


ބޭރުގެ އެއަރލައިނެއްގެ މަތިންދާބޯޓެއް މަރާމާތުކުރުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ލިބުނު ދިވެހި ކުންފުނީގެ ޝަރަފު ވިލާ އެއަރއިން ހޯދައިފިއެވެ.

ވިލާ އެއަރގެ މެއިންޓަނަންސް ފެސިލިޓީއަށް ސްރީލަންކާގެ އެއަރލައިނެއްގެ މަތިންދާބޯޓު މަރާމާތުކުރުމުގެ ކޮންޓްރެކްޓް ލިބިފައިވާއިރު، މިއީ ރާއްޖޭގެ ކުންފުންޏަކަށް މިފަދަ ފުރުޞަތެއް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ބޭރުގެ އެއަރލައިނެއްގެ މަތިންދާބޯޓެއްގެ ހެވީ މެއިންޓަނަންސްގެ މަސައްކަތް ވިލާ އެއަރގެ މެއިންޓަނަންސް ފެސިލިޓީއަށް ލިބިފައިވާއިރު، އެތަނުގައި މަރާމާތުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ޗާޓަރު އެއަރލައިނެއްކަމަށްވާ، ފިޓްސް އޭވިއޭޝަންގެ ATR72-202 މަރުކާގެ މަތިންދާބޯޓެކެވެ.

މަތިންދާބޯޓުތަކުގެ މެއިންޓަނަންސް މަސައްކަތްކުރުމުގެ ހުއްދަ ވިލާ އެއަރގެ މެއިންޓަނަންސް ފެސިލިޓީއަށް ލިބިފައިވަނީ ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ރާއްޖެ އައިސް ވިލާ އެއަރގެ މެއިންޓަނަންސް ފެސިލިޓީގެ އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމަށްފަހުއެވެ.

ވިލާ އެއަރއިން ބުނީ މި ބޯޓު ރާއްޖެ ގެނައުމުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ކަސްޓަމްސް ސަރވިސް އަދި އިމިގްރޭޝަންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނުކަމަށެވެ.

ވިލާ އެއަރ އިން ބުނީ ވައިގެ ދަތުރުފަތުރު ފުޅާކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީންކޮށް، މަތިންދާބޯޓުތަކަށް ޚިދުމަތްދޭ މިފަދަ ފެސިލިޓީއެއް ޤާއިމްކުރުމަކީ ކުންފުނީގެ މުހިއްމު ތަސައްވުރެއްކަމަށެވެ. އަދި ވިލާ އެއަރގެ މެއިންޓަނަންސް ފެސިލިޓީއަކީ މި ސަރަޙައްދުގައި އުދުހޭ މަތިންދާބޯޓުތަކަށް ޚިދުމަތްދޭ ތަނަކަށް ހަދައި، ދިވެހި އިންޖިނިއަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ވިލާ އެއަރއިން ބުނެއެވެ.

ވިލާ އެއަރއިން ދަނީ ފްލައިމީގެ ނަމުގައި 2011 ވަނަ އަހަރުން ފެށިގެން އެއަރލައިންގެ ޚިދުމަތް ދެމުންނެވެ. މި އެއަރލައިންގެ އެތެރޭގެ އުދުހުންތަކަށް މިހާރު ހަތަރު މަތިންދާބޯޓު ބޭނުންކުރާއިރު ކުރިއަށްއޮތް ތަނުގައި އެއަރކްރާފްޓްގެ ފްލީޓަށް އިތުރު ބޯޓުތައް ގެނެސް ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.