ޚަބަރު

ބިދޭސީން މަސައްކަތު ގެނައުމުގެ ބައެއް ގަވާޢިދުތައް ހަރުދަނާކޮށްފި


ސްކިލްޑް އަދި ޕްރޮފެޝަނަލް މަޤާމުތަކަށް ބިދޭސީން ގެންނަން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ވެލިޑޭޝަން" ތައްގަނޑު ޖަހައިގެން ހުށައަޅަންޖެހޭގޮތަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ އަންނަ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން "އެމްޕްލޮއިމަންޓް އެޕްރޫވަލް"އަށް އެދި ހުށައަޅަންވާނީ ކޮލިފިކޭޝަން އޮތޯރިޓީގެ ތައްގަނޑު ޖެހި ސަނަދުތަކާއެކުކަމަށެވެ. އަދި އޮންލައިންކޮށް ހުށައަޅާ ސަނަދުތަކަކީ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ޤަވާޢިދާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކަށްވެސް ވާންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޤަވަޢިދާ ޚިލާފަށް ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީންވަނީ ބިދޭސީން މަސައްކަތު ގެނައުމުގެ އުސޫލުތައް ހަރުދަނާކުރަން ފަށާފައެވެ.

އެގޮތުން ޕްރޮޖެކްޓްތަކަށް ދެން ބިދޭސީން ގެނެވޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް ފޯމް" ފުރުމަށްފަހުކަމަށްވެސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. މި ފޯމަކީ ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓަކީ އެފަރާތާއި ހަވާލުކުރެވިފައިވާ މަސައްކަތެއްކަން ކަށަވަރުކުރުމަށް ހުށައަޅަންޖެހޭ ފޯމެކެވެ. މި ފޯމު ހުށައަޅަންޖެހެނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ނުވަތަ ސިވިލް ކޯޓުގައި ރެޖިސްޓްރީ ކުރުމަށް ފަހުގައެވެ.

އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މަސައްކަތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް މި ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް އެގްރިމެންޓް ފޯމު ފުރިހަމަކޮށް ހުޅައަޅާފައިނުވާނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާނެކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ކުރިން ބިދޭސީން ގެނައުމުގެ ހުއްދައަށް އެދެމުން އައިސްފައިވަނީ ދެފަރާތު ދެމެދު ވެވޭ ޕްރޮޖެކްޓް އެގްރިމެންޓްގެ ކޮޕީއެއް މިނިސްޓްރީއަށް ހުށައަޅައިގެންނެވެ.

އެކި މަސައްކަތްތަކަށް ގެންނަ ބިދޭސީން ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމުމުން މަގުމަތިކޮށްލާ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެގޮތުން މިހާރުވެސް ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ފަސްދޮޅަސް ހާހެއްހާ ބިދޭސީން އުޅެމުންދެއެވެ. މިފަދަ މީހުން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ރެގިއުލަރައިޒޭޝަންގެ ނަމުގައި ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ.