ޚަބަރު

ޖިޕަކުން ޖެހި ބްރިޖް ކައިރީ ހިނގި އެކްސިޑެންޓްގައި، ޖިޕް ދުއްވަން އިން ބިދޭސީ މީހާގެ ލައިސަންސް ބާޠިލުކޮށްފި


މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ބްރިޖް ކައިރިން ރިންގްރޯޑްގައި ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ޖިޕް ދުއްވަން އިން ބިދޭސީ މީހާގެ ލައިސަންސް ބާތިލުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާއަށް 2 އަހަރުދުވަހުގެ މުއްދަތަށް ލައިސެންސް ދޫނުކުރުމަށް ޓްރާންސްޕޯޓް އޮޓޯރިޓީން ނިންމާފައިވާކަމަށެވެ. ޖިޕް ދުއްވަން އިނީ އުމުރުން 27 އަހަރުގެ، ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުމަތިން މާލެ އާއި ވީކޮޅަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް 3 ކާރާއި 2 ސައިކަލުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި އެ އުޅަނދުތަކުގައި ތިބި ބައެއް މީހުންނަށް އަނިޔާވެގެން ފަރުވާ ދިންނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެހެންނަމަވެސް އެކްސިޑެންޓްވި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެކްސިޑެންޓްވި 3 ކާރުގެ ތެރޭގައި ހިމެނެނީ 2 ޕްރައިވެޓް ކާރާއި ޓެކްސީއެކެވެ.