ކުޅިވަރު

ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ބުނަނީ އޭދަފުށީގައި ރަނގަޅު ކުރިމަގެއް އެބައޮތްކަމަށް!


ފުޓްބޯޅައިގެ ކުރިމަގެއް އޭދަފުށީން ފެންނަކަމަށް ފްރާންސާއި މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރ މިކޭލް ސިލްވެސްޓްރޭ ބުނެފިއެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފްދަނޑުގައި ސޮނެވާފުށި ޓީމަކާއި އޭދަފުށީ ފުޓްބޯޅަ ޓީމްވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗުގައި ފްރާންސާއި މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު މިކޭލް ސިލްވެސްޓްރޭ ސޮނޭވާގެ ޓީމަށް ކުޅުނެވެ. 5-0އިން ސޮނޭވާގެ ޓީމް ކާމިޔާބުކުރި މި މެޗުގައި އެޓީމްގެ ފުރަތަމަ ލަނޑުވެސް ޖެހީ ޕްރިމިއަރ ލީގުގެ ކުރީގެ ތަރިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސިލްވެސްޓްރޭ ބުނީ ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށައި، އޭދަފުށީ ދަނޑުގެ ފެންވަރުވެސް ވަރަށް ރަނގަޅުކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކޯޗެއްގެ އިރުޝާދާއިއެކީ ރަނގަޅުކޮށްގެން އޭދަފުށި ޓީމަށް ކުރިއެރުން ހޯދޭނެކަމަށެވެ.

މި މެޗަށްފަހު ސިލްވެސްޓްރޭއާ އެކު ފޮޓޯ ނަގައި އަދި އޮޓޯގްރާފް ހޯދަން ބޭނުންވި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެ ފުރުސަތުވަނީ ދީފައެވެ.

ޕްރިމިއަރ ލީގު ތަށި 5 ފަހަރު ހޯދާފައިވާ ޑިފެންޑަރ ސޮނެވާފުއްޓަށް ޗުއްޓީ ހޭދަކުރުމަށް ފުރަތަމަ އައިސްފައިވަނީ 2008 ވަނަ އަހަރެވެ. މިއަހަރު ސޮނެވާފުއްޓަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްފަހު ސިލްވެސްޓްރޭ މާދަމާ ފުރާނެއެވެ.

ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރު އެކުލަބަށް ކުޅުނު ސިވެސްޓްރޭވަނީ ޕްރިމިއަރ ލީގު 5 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކުލަބު ވަރލްޑް ކަޕް، އެފްއޭ ކަޕް، އަދި ލީގް ކަޕްވެސް ހޯދާފައެވެ.