ޚަބަރު

ބްރިޖްގެ މަޝްރޫއާއި ގުޅޭ ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި


މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫއާބެހޭ ދެ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކޮށްފިއެވެ.ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކޮށްފައިވަނީ، ބްރިޖް މަޝްރޫއަށް ފައިސާ ހަމަޖެއްސުމާބެހޭ އެއްބަސްވުމާއި، ބްރިޖްގެ ކޮންސްޓްރަކްޝަން ސްޓޭޖްގެ މަސައްކަތްތަކާ ގުޅޭ އެއްބަސްވުމެއްގައެވެ.

އެ ދެ އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ފޮރިން އެސިސްޓެންސްގެ ޑިރެކްޓަރ ޖެނެރަލް، ވޮންގް ޔޮންގްޕުކްއެވެ. ފައިސާގެ ކަންތައް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުއެވެ.

މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، ބްރިޖް މަޝްރޫއަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށެވެ. އަދި 170 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ސޮފްޓް ލޯންކަމަށާއި، 30 މިލިން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖް މަޝްރޫއަކީ، ކުރިންވެސް މަސައްކަތް ކުރެވި އަމަލީ ސިފައެއް ނައިސް އޮތް މަޝްރޫއެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ޖިހާދު ވިދާޅުވީ، މި މަޝްރޫއާއެކު އިގްތިސާދަށްވެސް ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށެވެ.

ބްރިޖްގެ ކޮންސްޓްރަކްޝަން ސްޓޭޖްގެ މަސައްކަތްތަކާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ހައުސިން މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒުއެވެ.

އެއްބަސްވުމާ ބެހޭ ގޮތުން މިނިސްޓަރ ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ބްރިޖް އެޅުމާއި، ބްރިޖް އޮޕްރޭޓް ކުރުމުގައިވެސް ޗައިނާ ސަރުކާރުން އެހީތެރިވާނެ ކަމަށެވެ. އަދި ބްރިޖް އެޅުމުގެ ކުރިން ހަދަން ޖެހޭ ދިރާސާތައް ހަދާ ނިމި ޑިޒައިން ފައިނަލް ސްޓޭޖްގައި އޮތްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރު ފަށާއިރު، ކޮންޓްރެކްޓަރުންވެސް ހޯދާނީ ޗައިނާ ސަރުކާރުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ޗައިނާގެ ކޮމާސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ފޮރިން އެސިސްޓެންސްގެ ޑިރެކްޓަރ ޖެނެރަލް، ވޮންގް ޔޮންގްޕުކް ވިދާޅުވީ، މިފަދަ ބޮޑު މަޝްރޫއެއް ދެގައުމު ގުޅިގެން ކުރިއަށް ގެންދިޔުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަކަމާއެކު މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވޮންގް ޔޮންގްޕުކް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާ، ދެ އަހަރު ދުވަހުގެ ތެރޭގައި ބްރިޖް ނިންމުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުންނާނެއެވެ. އަދި ބްރިޖް ޑިޒައިން ކޮށްފައިވަނީ، ދެކޮޅަށް ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލަށް ވަކި ލޭން އެއްގެ އިތުރުން، ހިނގާފައި އުޅެން ވަކި ލޭނެއް ހިމެނޭ ގޮތަށެވެ.

ބްރިޖްގެ ފައިނަލް ޑިޒައިން މިމަސްތެރޭގައި އާންމު ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.