ވިޔަފާރި

ސަލާމާތީގޮތުން އަޅާފައިވާ ފިޔަވަޅުތަކުން ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެ- އަލީ ވަހީދު


ޤައުމީ ދިފާޢީ ބާރުން ނެރެފައިވާ އެލާޓްގެ ސަބަބުން ފަތުރުވެރިކަމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެމްއެންޑީއެފްއިން ނެރުނު ޔެލޯ އެލާޓަކީ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ކުރީބައިގައި ރައްކާތެރިކަން ހޯދުމަށްޓަކައި ސަރުކާރުން ނަގާފައިވާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބުރޫ ނާރާނެކަމަށާއި މިއީ ރައްކާތެރި ރާއްޖެއެއް ކަށަވަރުކޮށްދިނުމަށް މުހިއްމުކަމެއްކަމަށްވެސް އަލީ ވަހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އަދިވެސް ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށެވެ. އެހެންކަމުން، ހަމައެކަނި އެންމެ ރީތި މަންޒިލްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމުގެ ބަދަލުގައި އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައިވެސް ރާއްޖެ އިސްތިހާރުކުރަންޖެހޭކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ އަދިވެސް ދުނިޔޭގެ އެންމެ ސޭފް ޑެސްޓިނޭޝަން. އަޅުގަނޑުމެން ހަމަގައިމުވެސް ވަރަށް އުފާކޮށްފިން ސަލާމަތީ ބާރުތަކުން އެނެންގެވި ސްޓޭންޑް. ޚާއްސަކޮށް ކޮމާންޑަރ އޮފް ޗީފް، ރަޢީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެން މަރުޙަބާކިޔަން. އަޅުގަނޑުމެން އިންޑަސްޓްރީން ވެސް ވަރަށް ބޮޑަށް ބޭނުންވިކަމެއް އެއީ އަޅުގަނޑުމެންނަށް ރައްކާތެރިކަމުގެ އިޙުސާސްކުރެވުމަކީ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް "ޔެލޯ އެލާޓް 2" ނެރުނީ އަންގާރަދުވަހުއެވެ.