ކުޅިވަރު

ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ހޯދުމަށް ކުޅޭ އެންމެ މުހިންމު މެޗު: އެލިސަން


ޓޭބަލުގެ ދެ ވަނާގައި އޮތް ލެސްޓާ ސިޓީއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަކީ އިނގިރޭސި ޕްރެމިއާ ލީގު ހޯދުމަށް ކުޅެން ޖެހޭ އެންމެ މުހިންމު މެޗުކަމަށް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ބުނެފިއެވެ.

މި އަހަރުގެ ތެރޭގައި ލިވަޕޫލަށް ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ބްރެޒިލްގެ ކީޕަރު ބުނީ ޕްރެމިއާ ލީގު ހޯދުމަށް އަބަދުވެސް ކުރިއަށް އޮތް މެޗުން މޮޅުވުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

އެއް މެޗުން މަދު ކުޅެ ލިވަޕޫލް ޓޭބަލުގެ އެއްވަނާގައި 49 ޕޮއިންޓާއެކުގައެވެ. ދެ ވަނާގައި ލެސްޓާ ވަނީ 39 ޕޮއިންޓާއެކުގައެވެ. މި ފަހަރު 13 ޕޮއިންޓަށް ފުޅާ ކުރެވެން އޮތް މެޗަށް ނުކުންނައިރު އަލިސަން ބުނީ ލެސްޓާ ސިޓީގައި އޮތީ ވަރުގަދަ ޓީމެއް ކަމަށެވެ.

ޕްރެމިއާ ލީގަކީ ވަރަށް ވަރުގަދަ ލީގެއްކަމަށާއި މިދިޔަ އަހަރު ލިވަޕޫލް އަށް ތަށި ނުލިބުނީ އެންމެ ޕޮއިންޓެއް މަދުވުމުންކަމަށް އެލިސަން ބުންޏެވެ. މި އަހަރު ހުރިހާ ކުޅުންތެރިން ވެސް ތިބީ އެމީހަކަށް ކުރެވުނު ހުރިހާ ކަމެއް ކުރަން މި ތަށި ހޯދަންކަމަށް ކުރިން ރޯމާއަށް ކުޅުނު ކީޕަރު ބުންޏެވެ. މިއީ ސަޕޯޓަރުންނަށް ވަރަށް މުހިންމު ތައްޓެއް ކަމައްވެސް ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބުނުކުރެވޭތާ 30 އަހަރު ވެފައިވާކަން ފާހަގަ ކުރަމުން އެލިސަން ބުންޏެވެ.

ލެސްޓާ ސިޓީން ވެސް ލިވަޕޫލުން ވިސްނާ ގޮތަށް ވިސްނާނެ ކަމަށާއި ޕްރެމިއާ ލީގު ހޯދަން އަބަދުވެސް ވަރަށް ފޯކަސް ބަހައްޓަންޖެހޭނެކަމަށް މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކީޕަރު ބުންޏެވެ.