ޚަބަރު

ކުޅުދުއްފުށި އެއާޕޯޓަށް ޑިމާންޑު ބޮޑުވެ، މޯލްޑިވިއަންގެ ޖާގަތައް ފުލްވެއްޖެ


ހދ.ކުޅުދުއްފުށި އެއާޕޯޓަށް ބާރު ބޮޑުވެ، އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖާގަތައް ފުލްވެއްޖެއެވެ.

ކުޅުދުއްފުށިން މާލެއާއި ދެމެދު ދުވާލަކު އެއް ފުލައިޓް ދަތުރު ކުރާއިރު އެންމެ އަވަހަށްވެސް ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާ ފްލައިޓަކުން ޖާގަ ލިބޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިވަގުތަށް މާލެއިން ކުޅުދުއްފުއްޓަށް ދިއުމަށް އެންމެ އަވަހަށްވެސް ޖާގަ ލިބެނީ އަންނަ މަހުގެ 9 ވަނަ ދުވަހަށްކަމަށްވެސް ޓިކެޓް ވިއްކާ އެޖެންޓުން އަދި މޯލްޑިވިއަންގެ ވެބްސައިޓުން ދައްކައެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށަށްވީއިރު އެރަށަކީ ކޮންމެ ދުވަހަކު އެތައްބަޔަކު އެކި އެކި ބޭނުންތަކުގައި ޒިޔާރަތް ކުރަމުން އަންނަ ރަށެކެވެ. އެހެންކަމުން ކުޅުދުއްފުށީ ފްލައިޓްތަކަށް އޮންނަ ޑިމާންޑް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް ދަތުރުކުރަން ފެށިއިރު ކުރަމުން އައީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ. ޑިމާންޑުބޮޑުވެ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ކޮންމެ ދުވަހަކު ފްލައިޓް ބާއްވާ ގޮތަށް ބަދަލުކޮށްފައެވެ.

މިދުވަސްވަރު ރާާއްޖޭގެ ގިނަ މަންޒިލްތަކަށް ފްލައިޓްތައް ފުލް ވެފައިވާއިރު އިންޓަނޭޝަނަލް ފްލައިޓްތައްވެސް ވަނީ ސުކޫލްތަކުގެ ޗުއްޓީއާއެކު ފުލް ވެފައެވެ.