ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް ޕޮލިޓެކްނިކްއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ޕްރޮގްރާމުތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ އަންނަ އަހަރު ޕޮލިޓެކްނިކްއާއި ގުޅިގެން ކުރު މުއްދަތެއްގައި ނިމޭނެ ކޯސްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންޖީނިއަރިންގފަދަ ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އަދި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މުޖާހިދު ވިދާޅުވިއެވެ.
"ވަޒީފާއަކީ އެއަށް ބޭނުންވާ ފަންނީ ހުނަރާ ޤާބިލްކަމަށް ބިނާވާ އެއްޗެއް. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް ލިބެނީ މިދެންނެވި ކަހަލަ ތަމްރީނުތަކާއި މަޢުލޫމާތުތައް އަދި ތަޖުރިބާ ހުރެގެން. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޕޮލިޓެކްނިކްއާއި ގުޅިގެން 2020 ވަނަ އަހަރުގެ ޖެނުއަރީ ފެބްރުއަރީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމު ހިންގަން." މުޖާހިދު ވިދާޅުވިއެވެ.
މުޖާހިދު ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް ބޭނުންވާ ތަމްރީނު ދިނުމަށް އަންނަ އަހަރު އއ. އުކުޅަހުގައި ގެސްޓްހައުސް މެނޭޖްމަންޓް ކޯހެއް ފެށުމަށްވެސް މިނިސްޓްރީން ތައްޔާރުވަމުން އަންނަކަމަށެވެ. މުޖާހިދު ވިދާޅުވީ އއ. އުކުޅަހުގައި މި ކޯސް ހިންގި ނަމަވެސް އަތޮޅުތަކުގެ ހުރިހާ ރަށްތަކުން މި ކޯހުގައި ބައިވެރިވެވޭނެކަމަށެވެ.
" ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ގެސްޓްހައުސް ފުޅާވެގެން އެބަދޭ. އެހެންކަމުން، މި ވިޔަފާރީގެ ތެރެއަށް ޒުވާނުން ވަންނަމުންދާއިރު އެކަން އެންމެ ރަނގަޅަށް ކުރުމަށްޓަކައި ހަޤީޤަތުގައި އެބޭނުންވާ މަޢުލޫމާތާއި ހުނަރު އެނގެން އެބަޖެހޭ. އެހެންކަމުން ގެސްޓްހައުސް މެނޭޖްމެންޓް ޕްރޮގްރާމަކީ ވެސް ޖެނުއަރީ މަހު އަޅުގަނޑުމެން ފަށާނެ ޕްރޮގްރާމެއް." މުޖާހިދު ވިދާޅުވިއެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އާމާޒާއި އެއްގޮތަށް މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާގެ ފުރުސަތު ފަހިކުރުމަށްޓަކައި ޖޮބް ސެންޓަރގެ ނަމުގައި ވެބްސައިޓެއް ވެސް ތަޢާރަފްކޮށްފައެވެ.
މިނިސްޓްރީގެ އަމާޒަކީ މިވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ވަޒީފާގެ ފުރުސަތުތައް އާންމުންނަށް ފަސޭހައިން އެނގިގެންދިއުންކަމަށެވެ.