ހއ.އަތޮޅުގެމީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އިޢާދަ ކުރަނިވިހަކަތަ ބޭނުން ކުރަން ފަށައިފިއެވެ.
މިރަށް ރަށުގައި އިޢާދަ ކުރަނިވި ހަކަތަ ބޭނުންކުރަމުންދަނީ ހަކަތައިގެ ދާއިރާއިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެބޮޑު މަޝްރޫޢުކަމަށްވާ "ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ކަރަންޓް ނިޒާމް ޤާއިމުކޮށްގެންނެވެ.
ހއ.ގައި މި މަޝްރޫޢު ފެށީ 2016 ގައެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމްކުރަން އޭރުގެ ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގުޅިގެން ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ހއ.އަތޮޅުގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ޖުމްލަ 2.3 މެގަވޮޓްގެ ސޯލާ ޕީވީވަނީ ހަރުކޮށްފައެވެ.
ޕްރޮޖެކްޓުގެ އަމާޒަކަށްވީ ހުރިހާ ރަށަކަށްވެސް ބޭނުންވާ ހަކަތައިގެ %30 އަވިން އުފައްދާ ގޮތްހެދުމެވެ. އެސިސްޓަމް ބޭނުންކޮށްގެން ހއ.ގެ ހުރިހާ ރަށެއްގައިވެސް އަވިން އުފައްދާ ކަރަންޓް، މިދިޔަ އަހަރުގެ ފަހުކޮޅުވަނީ ބޭނުން ކުރަން ފަށާފައެވެ. ހުރިހާ ރަށެއްގައިވެސް ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުންނަނީ ދައުލަތުގެ އެކި އިދާރާތަކުގެ ފުރާޅުގައެވެ. ސްކޫލުތަކާއި އޮފީސްތަކުގެ ފުރާޅާއި ޓެރަހުގައެވެ.
ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް މި ނިޒާމު ގާއިމްވެފައިވާ ރަށްރަށުގައި ވަނީ ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމްވެފައިވާ ކަމަށެވެ. މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުންވެސް ހިމެނޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ފެނަކައިގެ ޓެކްނިކަލް ސާވިސަސް އެންޑް ގްރީން އެނާޖީ ޑިޕާޓްމަންޓްގެ ޑައިރެކްޓަ އަބްދުﷲ ނާޝިތު ވިދާޅުވި ގޮތުގައި ހއ.ގެ ރަށްރަށުގައި ކަރަންޓް އުފައްދަން ކުރިން ބޭނުންކުރި ޑީސަލްގެ ތެރެއިން 3.1 މިލިޔަން ލީޓަރު މިހާރު ވަނީ، އަވިން ފޯރުކޮށްދޭ ކަރަންޓާއެކު، ސަލާމަތް ކުރެވިފައެވެ.
ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2018ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 2023ވަނަ އަހަރުގެ ނިޔަލަށް %20 އުތުރަށް އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިމަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.