ސަފާރީތައް ބަނދަރުކުރުމަށް މާލެ އަތޮޅުން ފަޅެއް ކަނޑައަޅައިފިއެވެ. 
މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހިދު ވިދާޅުވީ ސަފާރީތައް ބަނދަރުކުރުމަށް ފަޅެއް ހޯދުމަށް ސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކ އަތޮޅުން މާލެއާއި 8 ކިލޯމީޓަރު ދުރުން  ފަޅެއް ކަނޑައަޅާފައިވާކަމަށެވެ. 
މިނިސްޓަރ ވިދާޅުވީ މާލެ އަތޮޅު ދިޔަނެރު ފަޅާއި ޖެހިގެން އޮތް "ދިޔަނެރު 2" ފަޅު ސަފާރީތައް ބަނދަރުކުރުމަށް އަންނަ އަހަރު ތަރައްޤީކުރާނެކަމަށެވެ. 
"މިރޭ އަޅުގަނޑަށް ލިބޭ އުފަލެއް އަދި ޝަރަފެއް ތިޔަ ބޭފުޅުންގެ ބަނދަރު ތިޔަބޭފުޅުންނަށް އިޢުލާނުކޮށްދެއްވުމަކީ. އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރު މާލެ ކައިރިން ދިޔަނަރު ފަޅާއި ޖެހިގެން އޮންނަ ފަޅު، ދިޔަނެރު 2 ފަޅަކީ ތިޔަ ބޭފުޅުންގެ ބަނދަރު." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. 
ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ފުޅާވެ ބޮޑެތި ކުރިއެރުން ހޯދާފައިވާއިރު މި އުޅަނދުތައް ބަނދަރުކުރާނެ އެކަށޭނަ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ޝަކުވާއެކެވެ. 
އެހެންނަމަވެސް ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ލިވަރބޯޑްސްތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ގިނަ ފަހަރު މަތިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.  ސަރުކާރުގެ މި ވަޢުދާއި އެއްގޮތަށް ދިޔަނެރު ފަޅު ސަފާރީތަކަށް ޚާއްސަކޮށްފައިވާއިރު މީގެ ސަބަބުން ސަފާރީތަކަށް ލުއި ފަސޭހަކަން ލިބި މިދާއިރާ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް ލިވަރބޯޑް އެސޯސިއޭޝަނުން ބުނެއެވެ. 
ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވަނީ އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ޤަވައިދަކަށް އިސްލާޙުގެނެވޭއިރު ސަފާރީތަކާއި ބެހޭ ބައެއް ޤަވައިދުތަކަށް ވެސް އިސްލާޙުގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި މި ޤަވައިދުތަކަށް ބަދަލު ގެނެވޭއިރު މިކަމަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. 
"2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ހުރިހާ ޤަވައިދެއް އިޢުލާންކުރާނަން. އުއްމިދަކީ އަންނަ އަހަރުގެ މަސައްކަތެތެރިންގެ ދުވަހުގެ ކުރިން މި މަސައްކަތް ނިންމުން. މިއާއެކު ބޯޓިންގ އެސޯސިއޭޝަންއާއި ގުޅުންހުރި ޤަވައިދުތައް ވެސް ރިވައިސްކުރެވިގެންދާނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. 
ސަފާރީތަކަށް ޚާއްސަކޮށްގެން ބަނދަރެއް ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވެސް އިޢުލާންކުރިއެވެ. އެހެންނަމަވެސް އޭގެ ފަހުން ބަނދަރު އެޅުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.