ވިޔަފާރި

ދަނޑުވެރިކަންކުރުމަށް 2.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފި


އެސްއެމްއީ ބެންކުން ދޫކުރާ "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ދަށުން މިހާތަނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ މީގެތެރެއިން 2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވަނީ އަރބަން ގާޑެނިންގއަށްކަމަށެވެ.

އެސްއެމްއީ ބޭންކްގެ ދަށުން ހަތަރު ލޯނަކަށް އެދުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލިއިރު މީގެ ތެރޭގައި ހިމެނޭ އެއް ދާއިރާއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުޅުވާލި ދަނޑުވެރި ނަފާ ލޯނެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މިއީ ދަނޑުވެރިކަމުގެ އިޤްތިސާދު ފުޅާކޮށް، މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ސްކީމެއްކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްްރާމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މިހާތަނަށް އައިއިރު އެ މިނިސްޓްރީން ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން 2.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ. މި 2.2 މިލިއަންގެ ތެރެއިން 2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވަނީ އަރބަން ގާޑެނިންގ ނުވަތަ އިންޑޯގައި ގަސް ހެއްދުމަށްކަމަށެވެ.

"މިހާތަނަށް 2.2 މިލިއަން ރުފިޔާގެ ލޯނު އެސްއެމްއީ ބޭންކު މެދުވެރިކޮށްވަނީ ދެވިފައި. މީގެތެރެއިން 2 މިލިއަން ރުފިޔާގެ ލޯނަކީ އަރބަން ގާޑެނިންއަށް މާލޭގެ ޒުވާން ކުންފުންޏަކަށް ދޫކޮށްލެވުނު ލޯނެއް." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މި ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރާއިރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

6 އިންސައްތައިގެ އިންޓްރެސްޓަކާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވިދާޅުވީ މި ލޯން ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރެޖިސްޓަރީވެފައިވާ ކުންފުނިތަކަށް ވާންޖެހޭކަމަށެވެ. އަދި އަމިއްލަ ފަރުދެއްނަމަ ލޯން ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ އެއްވެސް މައްސަލައެއް ނެތްނަމަ ލޯނު އެޕްލިކޭޝަން ހުށަހަޅާތާ މަހެއްހާ ދުވަހުގެ ތެރޭ ލޯނު ހަމަޖެހޭނެކަމަށެވެ.