ކޭފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި މާލޭގެ ދެގެއެއް ރެއިޑްކޮށް ތިން އަންހެނުން ހިމެނޭގޮތުން ޖުމަލަ 21 މީހުން ހައްޔަރުކޮށްފިއެވެ.
މާލޭގައި ކޭފޭ އުސޫލުން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެތަކަށް ޚާއްސަކޮށްގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން ބަލައިފާސްކޮށްފައި ވަނީ މ. އެވަރެސްޓްއާގެ އާއި މ. ޏަމްޏަމްގެ ގެއެވެ.
މިގޮތުން އެވަރެސްޓްއާގެ ބަލާ ފާސްކޮށް ދިވެހި 2 އަންހެނުންނާއި، ދިވެހި 8 ފިރިހެނުންގެ އިތުރުން ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އެވަރެސްޓްއާގެއިން ހައްޔަރުކުރި 11 މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައިކަމަށާއި، އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާފަނު ޏަމްޏަމްގެ ރެއިޑްކޮށް ފުލުހުން ވަނީ ދިވެހި އަންހެނަކާއި ދިވެހި 8 ފިރިހެނުން ހައްޔަރުކޮށްފައެވެ.
އެގެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްުތުވާތަކެތި ބޭނުންކުރަމުންދިޔަ ބަޔަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަަށްވެސް ފުލުހުން މައުލޫމާތުދެއްވިއެވެ.
މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ އޭގެ ވިޔަފާރިކުރާ ތަންތަން ހޯދުމަށް ފުލުހުން ހިންގަަމުންދާ އޮޕަރޭޝަންގައި މިމަހުގެ 19 ވަނަ ދުވަހުގެރޭ މ. ލޮނުމިދިލިގެ އިން މަސްތުވާތަކެއްޗާ އެކު ކުޑަ ހަތަރު ފިރިހެން ކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުންވަނީ އިތުރުކޮށްދީފައެވެ.