ވިޔަފާރި

މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި


މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް ޢިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރާތްކޮށްފައިވާކަމަށެވެ.

"ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން ބޭނުން ދިވެހިރާއްޖެއަށް މިވަނީ 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފަ. އެހެންވީމަ މިވެސް އަޅުގަނޑުމެން ހޯދި ބޮޑު ކާމިޔާބީއެއް." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަށް މިއަހަރުގެ ތެރޭ 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މި އާމާޒަށް ނޮވެމްބަރު މަހުގެ ތެރޭގައި ވާސިލްވެވިފައިވާއިރު މިހާރު ވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. މިއާއެކު ސަރުކާރުން ވަނީ އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައެވެ.

މިއަހަރުގެ ތެރޭ ރާއްޖެ އިޝްތިހާރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއިން ވަނީ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ރާއްޖެއިން މިއަހަރު ކާމިޔާބުކުރި ފްރީ ޑައިވް ވޯލްޑް ރިކޯޑް ފާހަގަކޮށްލެވެއެވެ.

ރާއްޖެ އިސްތިހާރުކުރުމަށް މިއަހަރުގެ ތެރޭ އެމްއެމްޕީއާރްސީން ވަނީ 21 ފެއަރ، 13 ޤައުމެއްގައި ރޯޑްޝޯވ، 17 ފޭމް ޓްރިޕް އަދި އެކި ކުންފުނިތަކާއި ގުޅިގެން 17 ޖޮއިންޓް ކެމްޕެއިން ވެސް ބާއްވާފައިވެއެވެ. މީގެ އިތުރުން ވެސް އެކި ގޮތް ގޮތުން ރާއްޖެ އިސްތިހާރުކުރުމަށް 62 ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު ރިކޯޑު ޢަދަދެކެވެ. 2018 ވަނަ އަހަރު ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރިއަށްގެންގޮސްފައި ވަނީ އެންމެ 18 ފެއަރއެވެ.