ޚަބަރު

މޫސުމާއި ގުޅޭ އިރުޝާދުތަކާއި ޚިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފުން ބުނެފި


މޫސުމަށް ސަމާލުކަންނުދީ ދަތުރުކުރަނިކޮށް، މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ ސަރުކާރުގެ ކަމާއިބެހޭ ފަރަތްތަކުން ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ތިން ކުދިންނާއިއެކު ޑިންގީ ގެއްލުނު ޙާދިސާ އާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގަރޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަފަހަރު ހިނގަނީ ޤަވައިދާއި ޚިލާފު ވުމާއި، ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ނުކުރުމުން ކަމުގައެވެ.

ޚާއްސަކޮށް ޑިންގީފަދަ ކުދި އުޅަނދުތަކުގައި ދަތުރުކުރާ ފަރާތްތަކުން ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރަށް ސަމާލްކަން ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދޭ މޫސުމާއި ގުޅޭ އިރުޝާދުތަކަކަށް ސަމާލުވެ، ލައިފް ޖެކެޓާއި އަދި އެހެނިހެން ސަލާމަތީ ކަންކަން ފުރިހަމަކޮށްގެން ނޫނީ ދަތުރު ނުފެށުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފިއެވެ.

އަދި އެލަރޓްތައް ނެރެފައިވާ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކާނަލް މުޙައްމަދު ސަލީމް ވަނީ އިލްތިމާސްކުރެއްވިއެވެ.

"މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އެމީހަކަށް ފިޔަވަޅު އަޅާނެ. މިއީ އިތުރަށް ސަމާލްކަން ދޭން ޖެހިފައިވާ ކަމެއް. މީހުންގެ ފުރާނައަށް ގެއްލުން ނުވާގޮތަށް ކަންކަން ކުރިއަށްގެންދިއުމަކީ އެދޭކަމެއް." ސަލީމް ވިދާޅުވިއެވެ.

ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ޑިންގީ ގެއްލުނު ހާދިސާގައި ފަސޭހައިން ލޮކޭޓް ކުރެވުނީ އެޑިންގީ ފެންމަތީގައި އޮތުމުން ކަމަށް. ނަމަވެސް ކަނޑުގަދަވެ ޙާދިސާއެއް ހިންގައިފިނަމަ މީހުން ލޮކޭޓް ކުރުމުގައިވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

މި ހިނގާދިޔަ ޑިންގީ ގެއްލުމުގެ ޙާދިސާއަކީވެސް ފުރާނައަށް ގެއްލުންވާފަދަ ޙާއްދިސާއެއްގެ ގޮތުގައި ދެކޭކަމަށް ކާނަލް މުޙައްމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތަކަށް ވުމާއި، ގިނަ ދަތުރުތައް ކުރާ ދުވަސްވަރަކަށްވާތީ އެކަމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.