ޚަބަރު

ބ. ހިތާދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ


ރާއްޖެއަށް މިހާރު ކުރަމުންމިދާ މޫސުމީ ވިއްސާރައިގެ ސަބަބުން ބ.ހިތާދޫގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއްވެޖެއެވެ.

ރެއިން ފެށިގެން މިއަދުގެ މެންދުރު 11 ޖަހަންދެން ހިތާދޫއަށް ބޯކޮށް ވާރޭ ވެހިފައި ވާއިރު، އެރަށުގެ ބޮޑެތި މަގުތަކުގައި 1 ފޫޓަށްވުރެ ބޮޑަށް ވަނީ ފެން ހެދިފައެވެ.

ހިތާދޫގެ ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ހިތާދޫއަކީ އަބަދުވެސް މޫސުމީ ވިއްސާރައިގައި ފެން ބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއް ކަމުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

އަދި އެގޮތަށް ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެންނެވެ.

ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތައް ލިބޭތީ އެކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި، އެކަން ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

ހިތާދޫއަކީ ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްފައި ނުވާރަށެއްކަމުން، ޖަންޝަންތައް ހަދާފައި ހުންނަނީ ގޯތިތަކުގެ ތެރޭގައެވެ.

އެކަމުގެ ސަބަބުން ފެންބޮޑުވާ ދުވަސްތަކުގައި ޖަންޝަންތައް ފުރި ނުވަތަ ފަޅައިގެންގޮސް ނަޖިސް ލީކުވުމުގެ މައްސަލަވެސް ކުރިމަތިވެއެވެ.

ހިތާދޫގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އޭދަފުށީ ޕޮލިސްޓްޝަނާ އަތޮޅު ކައުންސިލާ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގެ އެޙީތެރިކަމާއެކުގައެވެ.