ވިޔަފާރި

އުތުރާއި ދެކުނުގައި ޤާއިމްކުރާ ޓްރާންސްޝިޕްމަންޓް ބަނދަރުތަކުގެ ކޮންސަލްޓަންސީ މަސައްކަތް ޙަވާލުކޮށްފި


ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރާ ޓްރާންސްޝިޕްމަންޓް ބަނދަރުތަކުގެ ކޮންސަލްޓަންސީ މަސައްކަތް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި އޮތް ޙާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ، ނެދަލެންޑްސްގެ އެމްޓީބީއެސް އަދި ޑެންމާކްގެ ނީރާސް ޖޮންވެންޗަރ ކުންފުންޏަށެވެ.

ކޮންސަލްޓަންސީ މަސައްކަތުގެ އިތުރުން ބޯޓުފަހަރު މަރާމާތުކުރުމާއި، ބޯޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށް ހިތަދޫ ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމުގެ ކޮންސަލްޓަންސީ މަސައްކަތްވެސް ވަނީ މިކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ޤާއިމުކުރުމަށް ކޮންސަލްޓެންސީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހަމީދު އިމާދު ވަނީ ރާއްޖެއަކީ ދުނިޔޭގައި ކަނޑުދަތުރުތައް ކުރުމުގައި މައި ސަރަހައްދެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގައި އަހަރެއްގެ މައްޗަށް 25 މިލިއަން ކޮންޓެއިނަރ ޝިޕިންލައިން ހަރަކާތްތެރިވާއިރު، ރާއްޖޭގެ ދެކުނުގައި މިއަދަދު 5 މިލިއަނަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.

8 ލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް އެމެރިކާ ޑޮލަރަށް ނެދަލެންޑްސްގެ އެމްޓީބީއެސް އަދި ޑެންމާކްގެ ނީރާސް ޖޮންވެންޗަރ ކުންފުންޏާ ހަވާލުކުރި މި މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ޤާއިމުކުރުމަށް ކޮންސަލްޓެންސީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި ބަނދަރުތައް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހަދަނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ކަމަށެވެ. އަދި ދެކުނުން ފީސިބިލިޓީ ސްޓަޑީ ހަދަނީ ލާމު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު ހުވަދޫ ކަނޑާ ކައިރިންކަމަށް ސްޓޭޓް މިނިސްޓަރ އިމާދު ފާހަގަކުރެއްވިއެވެ. އަދި ހަމަ މިއާއެކު ބޯޓުފަހަރު މަރާމާތުކުރުމާއި، ބޯޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށް ހިތަދޫ ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމަށްވެސް އެއްބަސްވެފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ބަނދަރުތައް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހަދަނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި. އަދި ދެކުނުން ފީސިބިލިޓީ ސްޓަޑީ ހަދަނީ ލާމު އަތޮޅާއި ހުވަދު އަތޮޅާ ދެމެދު ހުވަދޫ ކަނޑާ ކައިރިން. އަދި ހަމަ މިއާއެކު ބޯޓުފަހަރު މަރާމާތުކުރުމާއި، ބޯޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށް ހިތަދޫ ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމަށްވެސް އެއްބަސްވެފައިވޭ." ސްޓޭޓް މިނިސްޓަރ އިމާދު ވިދާޅުވިއެވެ.

މި ބަނދަރުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެއެވެ. މި ބަނދަރުތަކުގެ ސަބަބުން މާލެ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތަކަށް ތަރައްޤީ ލިބިގެންދާނެއެވެ. އައު ބަނދަރުތަކެއް ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، މާލޭގައި އޮތް ޕޯޓް ގުޅީފަޅަށް ބަދަލުކޮށް ބައިނަލްއަގުވާމީ ބަނދަރެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓުގެ ކޮންސަލްޓަންސީވެސް ވަނީ ފަށާފައެވެ.