ވިޔަފާރި

ރާއްޖޭގައި ބޭއްވި އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ނިންމާލައިފި


34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ، އެފް.އޭ.އޯގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ.

މިމަހުގެ 16 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްދިޔަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި އަންނަ އަހަރު އިންފޯފިޝް މެމްބަރު ޤައުމުތަކުގައި، އިންފޮފިޝް މެދުވެރިވެގެން ހިންގާނޭ ބައެއް ޙަރަކާތްތައް ހިމެނޭ ގޮތަށް 2020ގެ ޕްލޭން ވަނީ އެކުލަވާލާފައެވެ. މިގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދައިރާއަށް ބޭނުންވަ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި، މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި، މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިބައްދަލުވުމުގައި، ސައުތު އީސްޓް އޭޝިއަން ފިޝަރީޒް ޑިވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެމްބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ދާއިރާއިން އެހީތެރިވުމަށްޓަކައި، އެމް.އޯ.ޔޫއެއް އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިއެމް.އޯ.ޔޫގެ ސަބަބުން ސީފްޑެކްއިން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެއެވެ. މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވިއެވެ. މިއަހަރުގެ އިންފޯފިޝް ގަވަރިންގ ކައުންސިލް ބައްދަލުވުން ނިންމާލީ 2020 ވަނަ އަހަރު، ކައުނސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުގައިވާ ޕާކިސްތާނާއި ރިޔާސަތު ހަވާލުކުރުމަށްފަހުއެވެ.