ސިޔާސީ

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައިގައި އެމްޑީއެން އުވާލާއިިފި


އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައި ނެރުނު ރިޕޯޓަކާއި ގުޅިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، (އެމްޑީއެން) އެމްޑީއެން އުވާލައިފިއެވެ.

އެމްޑީއެން އުވާލާފައި މިވަނީ އެޖަމިއްޔާ އުވާލުމަށް، ދީނީއިލުމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާއި އާއްމުރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގޮވާލާފައިވަނިކޮށެވެ.

އެމްޑީއެން އުވާލިކަން އިއުލާނުކޮށް ޔޫތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ އުވާލުމަށް ރެޖިސްޓްރަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން، ޖަމްޢިއްޔާތަކާއިބެހޭ ޤަވާޢިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމްޢިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމްޢިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ދިން 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމު ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ އެ އިދާރާއިން ކުރި ތަހުޤީގަށް އެމްޑީއެން ރިޕޯޓްގައި އިސްލާމު ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޔޫތް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީން ކުރިން ޢާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފް ވާހަކަތައް ހިމަނާފައިވާކަން ކަށަވަރުވެފައި ވާކަމަށެވެ. އަދި ޖަމިއްޔާ އުވާލުމަށް ނިންމީ އެހެންވެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ޖަމްޢިއްޔާ އުވާލުމަށް ގޮވާލާފައެވެ. އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.