ޚަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނައިފަރު ކައުންސިލް އިދާރާގެ ފުރާޅު އެއްލާލައިފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ޅ ނައިފަރު ކައުންސިލް އިދާރާގެ ފުރާޅު އެއްލާލައި އެކައުންސިލްގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވީ، ރޭ ޖެހުނު ކޮޅިގަނޑުގައި، ކައުންސިލް އިދާރާގެ ފުރާޅުން ބައެއް އެއްލާލައި ސީލިންގ ވެއްޓުމުގެ ސަބަބުން ކައުންސިލް އިދާރާގެ ތަކެއްޗަށް ގެއްލުން ލިބި ކައުންސިލްގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އަދި ވަގުތީ ގޮތުން އެހެން އިމާރާތެއްގައި ކައުންސިލް އިދާރާގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި ކަމާއި ގުޅޭ އިދާރާތަކާއި އެކު މަސައްކަތްކުރަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކައުންސިލް އިދާރާގެ އިތުރުން އެރަށުގެ ސިނާއީ ސަރަހައްދުގައި މަސްކެއްކުމަށް ބޭނުންކުރާ އިމާރާތެއްގެ ފާރެއްވެސް ރޭ ވެއްޓި ގެއްލުންތައް ؛ލިބިފައިވާ ކަމަށެވެ.

އަދި މިވިއްސާރައިގައި ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

އުތުރާ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދުވެސް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

ޔެލޯ އެލަރޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ވ. އަޮތަޅާ ދެމެދުގެ ރަށްތަކަށެވެ.