ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް ރ.މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި


ހަރުކަށި ފިކުރު ފަތުރައި ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ރާއްޖޭގެ ބައެއްފަރާތްތަކުން ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާ ދެކޮޅަށެވެ. މި އޮޕަރޭޝަނުގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތްތައް ހުއްޓުވުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކުއުޅޭކަމަށާ، އެމީހުން އަންހެނުންނާއި ކުޑަކުދިންނަށް ލިބިދީފައިވާ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށެވެ.

ރ.މަޑުއްވަރީގައި ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާ ބައެއް މީހުން އެމީހުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާޢީ ކުށްތައް ހިންގަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާޢުކޮށް ފަތުރަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަންގެ ތެރެއިން އަޅަމުންދާނެކަމަށްވެސް ފުލުހުން ނެރުނުބަޔާނެއްގައި ވަނީ ހާމަކުރައްވާފައެވެ.

ރ. މަޑުއްވަރީގައި މިފަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައިމިވަނީ އެރަށުގެ އާއިލާއެއްގެ ކުޑަކުއްޖަކު، ކައިވެނީގެ ނަމުގައި ފިރިހެނަކާއި ހަވާލުކޮށް އަދި އުމުރުން 13 އަހަރުގައި އެކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލައިގައި، އެކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް އެއާއިލާގެ ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ދަނޑިވަޅެއްގައެވެ.

ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ހަރުކަށި ދީނީ ފިކުރު ފެތުރުން ހުއްޓުވައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.