ކުޅިވަރު

ޓީމު އޮތް ހާލަތަށް ބަލާއިރު ނަތީޖާ ރަނގަޅު: ނިޝްތާރު


ޓީމު އޮތް ހާލަތަށް ބަލާއިރު، ޔުނައިޓެޑް ވިކްޓްރީ މެޗުގައި ނުކުތް ނަތީޖާއާއި މެދު ހިތްހަމަޖެހޭކަމަށް ށ.ފޯކައިދޫ ސްޕޯޓްސް ކްލަބުގެ ކޯޗު ޢަލީ ނިޝްތާރު މުހައްމަދު ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓްރީއާއި ށ.ފޯކައިދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑް ވިކްޓްރީއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކޮވަސެވިޗް މިލޮސް ހިލޭ ޖެހުމަކުން ވައްދާލި ލަނޑުން ޔޫވީ ކުރީގައި އޮއްވާ ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގައި ހަސަން ފުވާދު ޖެހި ލަނޑުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ށ.ފޯކައިދޫ ޓީމުގެ ކޯޗު ޢަލީ ނިޝްތާރު ބުނީ، ދިމާވެފައި އޮތް ހާލަތާ ބަލާއިރު ލިބުނީ ރަނގަޅު ޕޮއިންޓެއް ކަމަށާއި، ޔޫވީން ވަރަށް ރަނގަޅަށް ތައްޔާރުވަމުން އައި ނަމަވެސް ފޯކައިދޫން ކުޅުންތެރިން ހަމަކުރެވުނީ ސީދާ މެޗަށް ކަމަށެވެ. ނިޝްތާރު ބުނީ ހަމަ ތިބެފައި އައިސް ކުޅެލައިގެން ޕޮއިންޓެއް ލިބުން ކާމިޔާބެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި ލީގުގައި ކުރިޔަށް އޮތީ ކްލަބް އީގަލްސްއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗު ކަމަށާއި، އެ މެޗު ނަގަން ފަސޭހަ ނުވާނެކަމަށެވެ.

"ދިމާވެފައި އޮތް ހާލަތާއި ބަލަފާއި ރަނގަޅު އަލްހަމްދުﷲ. މިއީ 1-1 އެއް ރަނގަޅު އެހެންވީމަ. އެއީ ޔުނައިޓެޑް ވިކްޓްރީއަކީ ވަރަށް ރަނގަޅު ގިނަ ދުވަސް ވަންދެން ތައްޔާރުވަމުން އަންނަ ބައެއް. އަޅުގަނޑުމެން މިއަދު އަދި ޓީމު ހަމަވީވެސް. އެހެންވީމަ ވަރަށް ރަނގަޅު ޕޮއިންޓެއް މި ލިބުނީ." ނިޝްތާރު ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ވަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔާފައެވެ. އެގޮތުން އެ ޓީމު ކޮޅަށް ވަތް ލަނޑަކީ ރެފްރީގެ ގޯހެއް ކަމަށާއި ލީގު މިހާ ފޯރި ކުޑަކޮށްދާއިރު ކުޅުންތެރިންގެ ހިތްމަރުވާ ފަދަ އެކަހަލަ ނިންމުންތައް ރެފްރީން ނިންމުމުން ކުޅުމަށް އަސަރުކުރާނެ ކަމަށެވެ. އަދި ކުޅުންތެރިން ކުޅުނީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި އެކަމަކު ފުދޭވަރަކަށް މަސައްކަތްކުރި ކަމަށް މުހައްމަދު އާދަމް ބުންޏެވެ.

"ހީނުކުރާ ކަހަލަ ގޮތަކަށް ނޫން ކަންނޭންގެ ދިޔައިކީ. އަހަންނަށް ހަމަ ވަރަށް ބޮޑަށް ކުރީ ދުހު ޕްރެސްކޮންފަރެންސްގައިވެސް ބުނިން ޕްރެކްޓިސް ނުކޮށް އަންނަ ފުރަތަމަ މެޗު އުނދަގޫ ވާނެއޭ ކުޅެން. އެކަމު މިއަދު އަހަރުން ކޮޅަށް ވަތް ލަނޑަކީ ހަގީގަތުގައި ރެފްރީގެ މިސްޓޭކެއް. ލީގުގައި ޓީސީ އާއި ނިލަންދޫ މެޗުގައިވެސް އެކަހަލަ ކަމެއް ފެނުން މިއަދުވެސް އެކަހަލަ ކަމެއް. ލީގު އެހާ ފޯރީ ކުޑަ ވެގެން ދާއިރުގައި، އަދި އަމްދުން ކުޅުންތެރިން ހިތްމަރުވާކަހަލަ ޑިޒިޝަން އެއީ ހަމަ ގަބޫލްނުކުރެވޭ ކަހަލަ ކަންތައްތައް." މުހައްމަދު އާދަމް ބުންޏެވެ.

ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.