ކުޅިވަރު

ގަތަރާ ބެހޭ ގޮތުން ވާހަކަ ދައްކަން ކްލޮޕް ދެކޮޅު ހަދައިފި


ގަތަރުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ކުރާ މަސައްކަތުގައި ހިއުމަން ރައިޓްސްއާ ދެކޮޅު ކަންތައްތައް ހިންގާކަމަށް ބުނާ މައްސަލާގައި ވާހަކަ ދައްކަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެކޮޅު ހަދައިފި އެވެ.

ކްލޮޕް މި ވަގުތު ހުރީ ގަތަރުގަ އެވެ. އެއީ އެ ގައުމުގައި ބާއްވާ ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ ސެމީ ފައިނަލުގައި މެކްސިކޯގެ މޮންޓެރޭއީ ވާދަކުރުމަށް ލިވަޕޫލް ގޮވައިގެން ގޮހެވެ.

"އަހަންނަކީ ތިކަމާމެދު ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާއެއްނޫން. އަހަރެން ވިސްނަނީ ގޭމަށް. ތިކަހަލަ ކަންކަމާމެދު ވިސްނާނީ ފީފާއިން ނުވަތަ މުބާރާތުގެ އޮގަނައިޒަރުން. ތިއީ އެތްލީޓުން ވިސްނަންޖެހޭ ކަމެއްނޫން. އެތްލީޓުން ތިޔަފަދަ ކަންކަމާމެދު ވިސްނައި ވާހަކަ ދައްކަން ފަށައިފިނަމަ އެއީ އެންމެ ރަނގަޅު ގޮތަކަށްނުވާނެ،" ކްލޮޕް ބުންޏެވެ.

މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި ލިވަޕޫލްގެ މުހިންމު މިޑްފީލްޑަރު ޖިއޯޖިއޯ ވައިނަލްޑަމަށް ނުކުޅެވޭނެ އެވެ. ކްލޮޕް ބުނީ ކުރިން ހީކުރިވަރަށްވުރެ ކުޅުންތެރިޔާގެ އަނިޔާ ސީރިއަސް ކަމަށެވެ.

"މިއީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް. ސަބަބަކީ މިއީ އަބަދު ލިބޭނެ ފުރުސަތެއްނޫން. މި ތަށި ހޯދަން އަހަރުމެން މިތިބީ ތައްޔާރުވެގެން. ލިވަޕޫލް ފަދަ ޓީމަކަށް ކުލަބު ވޯލްޑް ކަޕަކީ ވަކިން ހާއްސަ މުބާރާތެއް،" މިދިޔަ ސީޒަނުގެ ޔޫރަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ކުލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުގެ ކޯޗު ބުންޏެވެ.