ޚަބަރު

ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅެން ފަސޭހަވާނެ: މެސީ


ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑަށްވުރެ ފަސޭހައީ މެޑްރިޑުގެ ދަނޑުގައި ކުޅެން ކަމަށް ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ދުނިޔޭގެ އެންމެ ވާދަވެރި ދެ ޓީމު ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅޭ މި މެޗާ ބެހޭ ގޮތުން މެސީ ބުނީ މެޑްރިޑުގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގައި ދެ ޓީމަށް ވެސް އެއް ހަމައަކުން ކުޅެން ފުރުސަތު ލިބޭ ކަމަށެވެ.

"އެމީހުންގެ ދަނޑުގައި އެމީހުން ވަރަށް އެޓޭކް ކުރާނެ. މީގެ ސަބަބުން އަހަރުމެންނަށް ވަރަށް ގިނަ ޖާގަތައް ތަނަވަސްވޭ. އެކަމަކު (ބާސެލޯނާގެ ދަނޑު) ނޯކޭމްޕްގައި ކުޅޭއިރު އެމީހުން ތިބެނީ ވަރަށް ފަހަތުގައި. ގިނަ ފަހަރަށް ކުރަނީ ކައުންޓަ އެޓޭކް. އެއީ އެމީހުންގެ ފޯވަޑް ލައިން ވަރުގަދަވުމުން. މިހެންވީމަ އަހަންނަށް ބޮޑަށް ފަސޭހައީ މެޑްރިޑުގެ ދަނޑުގައި ކުޅެން." މެސީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް ލިބިފައިވަނީ 35 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ޓޭބަލުގެ އެއްވަނާގައިވަނީ ބާސެލޯނާ އެވެ.

މެސީ ބުނީ މިދިޔަ ސީޒަން ފެށުމުގެ ކުރިން މެޑްރިޑް ދޫކޮށްލި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ނެތުމަކީ ވަރަށް ބޮޑު ހުސްކަމެއް ކަމަށާއި އޭނާގެ ބަދަލުގައި މެޑްރިޑަށް ގެންދިޔަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަކީ ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއެއްނޫން ކަމަށެވެ.

"ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ހަޒާޑަކީ ވެސް މޮޅު ކުޅުންތެރިއެއް. ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން މިއީ. އެކަމަކު ރޮނާލްޑޯ ނެތްތަން ފޫނުބެއްދޭނެ،" ރޮނާލްޑޯއާ އެންމެ ވާދަވެރި މެސީ ބުންޏެވެ.

ގާތްގަނޑަކަށް ލައްކައެއްހާ މީހުން ކުޅިބަލަން ވަންނަ މި މެޗުގެ ސެކިއުރިޓީ ބަލަހައްޓަން 3000 ސިފައިން ނެރެން ސްޕޭނުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަމިއްލަ ސެކިއުރިޓީ ފާމްތަކުން ވެސް ހަރަކާތްތެރިވާނެ އެވެ. މިހާބޮޑަށް ސެކިއުރިޓީ ވަރުގަދަކުރީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ މީހުން ސްޕޭނުން ވަކިވާން އެދި ކުރާ ކެމްޕޭންތަކާ އެއްވުންތަކާހެދި އެވެ.