ވިޔަފާރި

ޓޫރިޒަމް އިޝްތިޙާރުކުރަން ޚާއްސަ ޑޮކިއުމެންޓްރީ ސީރީޒްއެއް ލޯންޗުކޮށްފި


"އެކްސްޕީރިއަންސް މޯލްޑިވްސް" ނަމުގައި ޓޫރިޒަމް މިނިސްޓްރީން ރާއްޖޭގެ ފަތުރުވެރިކަމާގުޅޭ ޑޮކިއުމެންޓްރީ ސީރީޒްއެއް ލޯންޗުކޮށްފިއެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އިޢުލާންކުރުމަށް ބޭއްވި "ބުރަބި" ހަފްލާގައި މި ޑޮކިއުމެންޓްރީ ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

ރާއްޖޭގައި ފަތުރުވެރިން ކުރާ ތަޖުރިބާ ދައްކުވައިދޭ މި ޑޮކިއުމެންޓްރީ ސީރީޒްއަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތައް އިޝްތިހާރުކުރުމަށްޓަކައި ލޯންޗުކުރި ޑޮކިއުމެންޓްރީއެކެވެ.

އެކި ސީރީސްތަކަށް ނެރޭ މި ޑޮކިއުމެންޓްރީގެ ފުރަތަމަ ސީރިސް ޚާއްސަކޮށްފައިވަނީ މެލޭޝިއާގެ ރައްޔިތެއްކަމަށްވާ ޒަރީނާ ރާއްޖޭގައި ހޭދަކުރި 6 ދުވަހުގެ ދަތުރަށް ބިނާކޮށެވެ. މި ޑޮކިއުމެންޓްރީގެ ފުރަތަމަ ސީރިސްގެ ނަމަކީ ވެސް 'ޒަރީނާ' އެވެ. މި ސިރީސްގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރަށްތައް ފެނިގެން ދެއެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ޑޮކިއުމެންޓްރީގެ ސީރީޒްގެ ފުރަތަމަ އެޕިސޯޑް "ޒަރީނާ"

ޑޮކިއުމެންޓްރީގެ އިތުރުން މިއަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ އެކި ޙަރަކާތްތަކުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭ މަޖައްލާއެއް ވެސް ރޭ ބޭއްވި ރަސްމިއްޔާތުގައި ލޯންޗްކުރިއެވެ. މި މަޖައްލާ ލޯންޗުކޮށްދެެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހިދާއި އިންފޮރމޭޝަން ކަމިޝަނަރ ހުސެއިން ފިޔާޒު މޫސާއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހިދު ވިދާޅުވީ މި މަޖައްލާ މެދުވެރިކޮށް ކޮންމެ އަހަރަކު ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކާއި މިހަރާކާތްތަކަށް ކޮށްފައިވާ ޚަރަދުތައް ފެންނަން ހުންނާނެކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަމުގެ ނިޒާމު ފުޅާކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުންކަމަށެވެ. އެގޮތުން އެކި ޤައުމުތަކާއި ގުޅިގެން ވިސާގެ ލުއި ފަސޭހަތައް ހޯދައިދިނުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިނިސްޓްރީން މިދަނީ ވިސާގެ ލުއިފަސޭހަތައް ހޯދައިދިނުމަށް މަސައްކަތްކުރަމުން. މިއީވެސް ފަތުރުވެރިކަން ޕްރޮމޯޓްވާ ކަމެއް. ބެންކޮކް ދުބާއީ ރަޝިއާއަށް ދާން މިހާރު ވިސާގެ އުނދަގުލެއް ނެތް. އަދި އަންނަ މާޗްމަހުގެ ދެވަނަ ދުވަހު ޖަރުމަނު ޝެންގަން ވިސާގެ ފުރުސަތު ރާއްޖެއިން ދޭން ފަށާނަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ބުރަބި" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.