އަންނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރާނެ ރަށްތަކާއި ބިންތައް ޓޫރިޒަމް މިނިސްޓަރ އިޢުލާން ކުރައްވައިފިއެވެ. މި ރަށްތައް އިޢުލާން ކޮށްފައިވަނީ މިކަމަށްޓަކައި ދަރުބާރުގޭގައި "ބުރަބި" ގެ ނަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އަންނަ އަހަރު 13،720 އެނދު ފަތުރުވެރިކަމަށް ނެރޭނެކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އަންނަ އަހަރު 13،720 އެނދު ފަތުރުވެރިކަމަށް ނެރޭނެކަމަށް ވިދާޅުވެފައެވެ.
މުޅި ރާއްޖޭގެ އުތުރާއި ދެކުނުން ރަށްތައް ހޮވާލާފައިވާއިރު ފަތުރުވެރިކަމަށް މި ރަށްތައް ކަނޑައަޅާފައިވަނި މިކަމަށް ބޭނުންވާ އެންވަޔަރަމެންޓް އެސެސްމަންޓް ހެދުމަށްފަހު އެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ރަށްތަކާއެކު މުޅި ރާއްޖެއިން 18،672 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ރަށްތައް ކަނޑައެޅުމުގައި ރަށު ކައުންސިލާއި ކަމާއި ބެހޭ އެކި ވުޒާރާތަކާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މިހާރު ފަތުރުވެރިކަމަށް އިޢުލާން ކޮށްފައިވާ ރަށްތަކަކީ މިކަމަށް އެންމެ އެކަށޭނަ ރަށްތައްކަމަށް ވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
" މި ލިސްޓު އެކުލަވާލުމުގައި ކައުންސިލްތަކުގެ ޚިޔާލު ހޯދިން. ރައްޔިތުންގެ ކިބައިން ވެރިކަން ފެށިގެން އަންނަނީ. ހުރިހާ މިނިސްޓްރީގެ މަޝްވަރާ ހޯދިން. އެއަށްފަހު އެރަށްތައް އެސެސް ކުރިން. އިކޮނޮމިކް ކައުންސިލަށް ހުށަހެޅިން. އަދި ރަށްތަކުގެ އެންވަޔަރަމެންޓް އެސެސްމަންޓް ހެދިން. " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ޢިއުލާނުކުރެވުނު ރަށްތަކާއެކު 35 ހާސް އެނދު ތަރައްޤީކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ވީ ވަޢުދު 2023 ވަނަ އަހަރު ފުއްދޭނެކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނައިރު މިއަހަރުގެ މިހާތަނަށް ވެސް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.