ވިޔަފާރި

އައިއެލްއޯގެ ޚިދުމަތަށް ޤަރުނެއް ފުރުން ރާއްޖޭގައި ފާހަގަކޮށްފި


އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއަށް ޤަރުނެއް ފުރުން ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ނެޝަނަލް އާޓް ގެލަރީގައި މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް އާއި އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ ސިމްރިން ސިންގ ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައިއެލްއޯއަށް ޤަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަނދާނީ ފައިސާ ފޮއްޗެއް އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމްރިން ސިންގ އާއި ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވަނީ ރާއްޖެއާއި އައިއެލްއޯއާ ދެމެދު އުފެދިފައިއޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ޖަމްޢިއްޔާއަށް 100 އަހަރަ ފުރުން ފާހަގަކުރާ މި ދުވަހަކީ ރާއްޖެއިން އެޖަމްޢިއްޔާގައި ބައިވެރިވިތާ 10 އަހަރު ފުރޭ ދުވަސްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އައިއޯއެލްއާއެކު އޮތް ގުޅުން ކުރިއަށްއޮތް އަހަރުތަކަށް ވެސް ދެމިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެމްއޯޔޫއެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯ އަކީ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް މަސައްކަތްތެރިންނަށް އިޖުތިމާޢީގޮތުންނާއި އިޤްތިސާދީގޮތުން ރަނގަޅު ވަޒީފާގެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.