ތަރައްްޤީ

ވީ.އައި.އޭ އައު ޓަރމިނަލްގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާލައިފިއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރަމުންދަނީ ސަޢުދީ އަރަބިއްޔާގެ ބިންލާދީން ގްރޫޕުންނެވެ.

އައު ޓަރމިނަލުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، ޓަރމިނަލްގެ މައި ތަނބުތަކަށް ބޭނުންވާ ޕައިލްތައް ހަރުކުރުމުގެ 15 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަދި ދެ ހާސް އަކަމީޓަރުގެ ސަރަޙައްދެއްގައި ތަޅުން އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އައު ޓަރމިނަލްގެ މަސައްކަތް ސަޢުދީ ބިންލާދިން ގްރޫޕާއި އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ބިންލާދީން ގްރޫޕާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެމް.އޭ.ސީ.އެލުން އަލުން ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ބިންލާދީން ގްރޫޕާއެކު ފަހުންވީ އެއްބަސްވުމުގެ ދަށުން ޓަރމިނަލްގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނައިރު، ޓަރމިނަލުގެ އެތެރެއާއި ބޭރުގެ ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސް ދިވެހިވަންތަ ސިފަތަކެއް ފެނިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ވަނީ ބުނެފައެވެ.

ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 30 މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭއިރު، އެތަން ބޭނުން ކުރެވޭ ވަރުވާނީ 2022 ވަނަ އަހަރުގެ މެދުތެރޭގައިކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.