ވިޔަފާރި

ޝިޕިންގލައިންގެ ޚިދުމަތް ފަށަން އެސްޓީއޯއިން ތައްޔާރުވަނީ


އަންނަ އަހަރު ޝިޕިންގލައިނެއްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ޝިޕިންގލައިންގ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ތައްޔާރުވަމުންދަނީ ބޮޑެތި ވިޔަފާރިތަކަށް ވަނުމަށް އެކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުންކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކާއި ވާދަކުރުން ހުއްޓާލާއި، ބޮޑެތި ވިޔަފާރިތަކާއި ދިމާލަށް ދިއުމަކީ ކުންފުނީގެ މިހާރުގެ ސިޔާސަތުކަމަށް އަމްރު ވިދާޅުވިއެވެ.

"އެސްޓީއޯއިން ވަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކާއި ކޮމްޕީޓްކުރުމާއި ދުރަށް ދިއުމަށް މަސައްކަތް ފަށާފައި. އިލެކްޓްރޯނިކްސް ވަނީ ހުއްޓާލެވިފައި. އެސްޓީއޯއިން ބޮޑެތި ވިޔަފާރިތަކަށް އަމާޒުކުރުމުގެ ގޮތުން ފެށޭ އަހަރު ޝިޕިންގ ލައިންއެއްގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުން." އަމްރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ.

މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ. އޭރުވެސް ކުންފުނީގެ ނުދައްކާ ހުރި ދަރަނި 2.5 މިލިއަން ޑޮލަރަށް އަރައެވެ.

މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.

އެސްޓީއޯއިން ޝިޕިންގލައިންގެ ވިޔަފާރިއަށް ވަނުމަށް ތައްޔާރުވަމުންދާއިރު އެސްޓީއޯއިން ބުނީ އޭރު އެމްއެންއެސްއެލް ކުންފުނި ބަނގުރޫޓުވުމަށް ދިމާވީ ބަނދަރުގެ ދަތިކަމާއި ޝިޕިންގ މާކެޓަށް އޭރު އައި ބަދަލުތަކަށް އެކުންފުނި ތައްޔާރުނުވެ ތިބުމުގެ ސަބަބުންކަމަށެވެ. އަދި އެސްޓީއޯއިން ޝިޕިންގލައިންގ ވިޔަފާރިއަށް ވަންނާނީ ފުރިހަމަ ތައްޔާރީތަކާއެކުކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން މިއަހަރުގެ ތެރޭ މިކަމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތައް ހަދަން ފަށާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.