ވިޔަފާރި

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފި


34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ، އެފް.އޭ.އޯގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި އިންފޯފިޝްގެ 7 މެމްބަރު ޤައުމުން ބައިވެރިވެއެވެ. އަދި މި އަހަރުގެ އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖެއިންނެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، 1986 ވަނަ އަހަރު އިންފޯޕިޝް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމުޢިއްޔާގެ މުހިންމު މެންބަރެއްކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ސިނާއަތުން އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމަށް ސިނާއަތް ސިންދަފާތުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން މަސްވެރިން ބާނާމަސް ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފޮނުވާއިރު ވެލިއު އެޑްކުރުމާއި، މެރިކަލްޗަރ ޑިވެލޮޕްމަންޓްގެ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިންފޯފިޝް ގަވަނިންގ ކައުންސިލްގެ ޗެއަރމަން އާދަމް މަނިކު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހުށައަޅާ ކަންތައްތަކުގެ ތެރޭގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުން ހިމެނޭކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީކުރުމަށް އިންފޯފިޝްއަށް އެހީތެރިވެދެވޭނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިންމު ދާއިރާއެއް މިހާރު މެރިކަލްޗަރއަކީ. އެހެންވީމަ މެރިކަލްޗަރ ތަރައްޤީކުރުމާއި ގުޅޭގޮތުން އިންފޯފިޝްއިން ކޮންގޮތަކަށްތޯ އަޅުގަނޑުމެންނަށް އެހީތެރިވެދެވޭނީ. ފަންނީ ގޮތުންތޯ ނުވަތަ ތަމްރީނީ ގޮތުންތޯ. އިންޓަނޭޝަނަލް އޮބްޒާވަރެއްގެ ގޮތުގައި ސައުތު އީސްޓް އޭޝިއަން ފިޝަރީޒް ޑިވެލޮޕްމަންޓްގެ މަންދޫބެއް އެބައިންނެވި. އެމީހުންނަކީ ވަރަށް ގިނަ ޓްރެއިނިންގ އޮޕަޗުނިޓީޒް ލިބޭތަނެއް. އެ އޮޕަޗުނިޓީޒްތަކުގެ ބޭނުން ރާއްޖެއަށް ހިފޭނީ ކިހާވަރަކަށްތޯ. ކޮންކޮން ދާއިރާއަކުންތޯ އަޅުގަނޑުމެންނަށް މަޝްވަރާކުރެވޭނެ." އާދަމް މަނިކު ވިދާޅުވިއެވެ.

ތިރީސް ހަތަރުވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުގައި މިއަންނަ އަހަރު އިންފޯފިޝްގެ ފަރާތުން ކުރިއަށްގެންދާނީ ކޮންކޮން ހަރަކާތްތަކެއްތޯ ނިންމާނެއެވެ. އަދި އިންފޯފިޝް ގަވަންންސްއާއި ގުޅޭގޮތުން މިހާރު ހުށައެޅިފައިހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މަސްވެރިކަމާއި އިކޯކަލްޗަރގެ ދާއިރާއިން ޤައުމުތައް ޕްރޮމޯޓް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާނެއެވެ. މީގެއިތުރުން މިއަންނަ އަހަރު އޮންނަ ޓޫނާ ކޮންފަރެންސް އާއި ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.

މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައުވެސް ބައިވެރިވެވަޑައިގަންވައެވެ.

އިންފޯފިޝްއަކީ އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ، ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ، މާރކެޓްތައް ގުޅުވައިދިނުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެމްބަރު ޤައުމު ހިމެނެއެވެ.