ވިޔަފާރި

އެސްޑީއެފްސީން މިހާތަނަށް 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަހަރުގެ މާޗުމަހު ސަރުކާރުން ހުޅުވާފައިވާ ބޭންކެވެ.

ބޭންކުގެ ފުރަތަމަ މާލީ އަހަރު ނިންމާލާފައިވާއިރު، މިހާތަނަށް 241 ފަރާތަކަށް 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ބުނެއެވެ.

މި މުއްދަތުގައި އެންމެ ގިނައިން ބޭންކުން ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭހެން 83 ރަށެއްގައި ވިޔަފާރިކުރުމަށް ބޭންކުން ލޯނު ދޫކޮށްފައިވެއެވެ.

އެސްޑީއެފްސީން ބުނީ މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަމަށެވެ.

ބޭންކުން ބުނީ ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މިހާރު މެދުކަނޑާލާފައިވާކަމަށާއި، އެއީ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި ބޭންކުން ދެމުންދާ ޚިދުމަތްތައް ފުރިހަމަ ކުރުމަށްކަމަށެވެ.

އެސްޑީއެފްސީން ބުނީ 2020 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު އަންނަ ޖެނުއަރީ 19 އިން ފެށިގެން ބޭންކުން ބަލައިގަންނާނެކަމަށެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެސްއެމްއީ ބޭންކެއް ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެސްޑީއެފްސީން ދަނީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ.

އެސްޑީއެފްސީން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޚާއްސަކޮށްފައެވެ.