ކޯޓުތަކަށް ހުށައެޅޭ ބޮޑެތި މައްސަލަތަކަށް ފޯކަސްކުރުމަށް، ހަރުދަނާ ޕްލީ ބަރގެއިން ސިސްޓަމެއް ޤާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރައްވަން ގެންގުޅުއްވާ ވިސްނުންފުޅުތައް ޙިއްސާކުރައްވަމުން ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ ޤާނޫނުތަކަށް އިސްލާޙް ގެނެސްގެން ނަމަވެސް ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް މަދުކޮށް ސީރިއަސް، ބޮޑެތި މައްސަލަތަކަށް ފޯކަސްކުރަން ޖެހިފައިވާކަމަށެވެ.
މިހާރު އޮންނަ ނިޒާމުގެ ތެރެއިން، މީހުން މެރުމާއި ކޮރަޕްޝަންފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީޢަތްތަކަށް އެންމެ އެކަށޭނެ ވަގުތު ނުލިބޭކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ޕްލީ ބަރގެއިން ސިސްޓަމެއް ޤާއިމްކުރެވިއްޖެނަމަ ކުދިކުދި މައްސަލަތަކާ އިއުތިރާފްވާ މައްސަލަތައް މިހާރަށްވުރެ އަވަހަށް ވަކި އިންތިޒާމެއްގެ ތެރެއިން ނިންމާލެވޭނެކަމަށެވެ.
ޕްލީ ބަރގެއިން އަކީ ކުށެއްކުރާ މީހާ އެކުށަކަށް ޢިޢުތިރާފުވާނަމަ ޝަރީޢަތަށް ދިއުމުގެ ކުރިން އޭނާއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބުގެ ކޮންމެވެސް މިންވަރެއް ކުޑަކޮށް، ވީހާވެސް އަވަހަށް އެމީހެއްގެ މައްސަލަ ނިމިގެންދާ ފަދަ އުސޫލެކެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ބަނޑާރަ ނާއިބުގެ ލަފާފުޅު ހޯއްދަވައިގެން އަންނަ އަހަރު މަޖިލިސް ފެށުމާއެކު ޕްލީ ބަރގެއިންގެ ރަނގަޅު ނިޒާމެއް ޤާއިމްކޮށް އެނިޒާމުގެ ތެރެއިން، ގިނަ މައްސަލަތައް ޝަރީޢަތާ ހަމައަށްދާއިރު އަވަހަށް ނިންމޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
"ބޮޑަށް މިއުޅެވެނީ، އެނގިވަޑައިގަންނަވާނެ 70 އިންސައްތަ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައް. އެހެންވީމަ މިއީ ގްރާމް ހަމަވޭތޯ ބެލުމާ، މިކަމެއްގެ ތެރޭގައި އުޅެން ހަދައިގެން އަސްލު މައްސަލަތަކަށް ފޯކަސް ނުކުރެވޭ. އެހެންވީމަ ޕްލީ ބަރގެއިން ސިސްޓަމެއްގެ ތެރެއިން ހެދުނީމަ އަޅުގަނޑުމެން މިބަލަނީ ކުދިކުދި މައްސަލަތަކާއި، އިއުތިރާފްވާ މައްސަލަތައް މިހާރަށްވުރެ އަވަހަށް ކޮންމެވެސް އިންތިޒާމެއްގެތެރެއިން ރާސްލާފައި ދެވިއްޖެއްޔާ އަސްލު މައްސަލަތަކަށް ފޯކަސްކުރެވޭނެ" ޕީޖީ ޙުސައިން ޝަމީމް ވިދާޅުވިއެވެ.
ޕްލީ ބާގެއިން ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހާއާއެކު އެއްބަސްވުން ހެދުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް ކަނޑައެޅޭ ވަކި ވަގުތަކަށް މުވައްޒަފުންގެ މަސައްކަތްތައް ބައްޓަންކުރުމަށް، ޤާނޫނުތަކަށް އަހުލުވެރިވުމާއި ސްޓޭކްހޯލްޑަރުންނާއެކު އޮންނަ ގުޅުން ރަނގަޅުކޮށް، އެއްއަމާޒަކަށް މަސައްކަތްކުރުމާއެކު ޚިދުމަތްދިނުމުގެ ނިޒާމަކަށް ކަންކަން މަގުފަހުކުރަންޖެހޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.