ވިޔަފާރި

ނިޕޯން ޕެއިންޓް ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ ޚިދުމަތް ދެނީ


އެސްޓީއޯއިން އެތެރެކޮށް ވިއްކަމުންދާ 'ނިޕޯން ޕެއިންޓް' ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ.

ހުޅުމާލޭ ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވީ ނިޕޯން ޕެއިންޓުން ސިންގަޕޯރއަށް ކަނޑައަޅާފައި ހުންނަވާ ސީނިއަރ މެނޭޖަރ ހެންރީ ޔެންގްއެވެ. މި ޕްރޮމޯޝަންގެ ތެރެއިން އެސްޓީއޯއިން ވަނީ ފިޔަވައްޗަށް ކުލަ ހަދިޔާކޮށް، ކުލަ ލައިދިނުމުގެ ޚިދުމަތް ފޯރުކޮށްދީފައެވެ. ފިޔަވަތީގައި ކުލަލުމުގެ މަސައްކަތް ފަށާފައިވަނީ ފިޔަވަތީގެ ކުދިން ވެސް ބައިވެރިކޮށްގެންނެވެ.

ނިޕޯން ޕެއިންޓުން ސިންގަޕޯރއަށް ކަނޑައަޅާފައި ހުންނަވާ ސީނިއަރ މެނޭޖަރ ހެންރީ ޔެންގ ވިދާޅުވީ ނިޕޯން ޕެއިންޓުން ރާއްޖޭގައި ވިޔަފާރިކުރަމުންދާތާ 30 އަހަރުވެފައިވާކަމަށާއި ކުންފުނީގެ އުއްމީދަކީ ފެންވަރު ރަނގަޅު އުފެއްދުންތައް ކަސްުޓަމަރުންނަށް ފޯރުކޮށްދިނުންކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މީޑިއާ ކޯޑީނޭޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ އެސްޓީއޯއިން ކުލަ ގަންނަ ހުރިހާ ފަރާތްތަކަށް ވެސް މި ޚިދުމަތް ލިބޭނެކަމަށެވެ. އެހެންނަމަވެސް ކުލަ ލައިދިނުމަށް އެސްޓީއޯއިން އަގު ނަގާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ކުލަ ލައިދިނުމުގެ ޚިދުމަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ބޮޑެތި ޕްރޮޖެކްޓްތަކަކަށް ނޫން. ގޭބީސީތަކަށް އަޅުގަނޑުމެން މި ޚިދުމަތް ފޯރުކޮށްދެނީ. ކުލަ ލައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭއިރު އެއާއެކު އަޅުގަނޑުމެން އިތުރު ޚިދުމަތްތަކެއް ވެސް އެބަ ފޯރުކޮށްދޭން. މިސާލަކަށް ގޭތެރޭގައި ހުންނަ ފަރުނީޗަރ ރައްކާތެރިކޮށްފައި ކުލަ ލައިދިނުން." އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ނިޕޯން ޕެއިންޓްއަކީ ފުޅާ ދާއިރާއެއްގައި ކުލަ އުފައްދާ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ. މިއީ ދުނިޔޭގައި 7 ވަނައަށް ކުލަ އުފައްދާ އެންމެ ބޮޑު ކުންފުނި ވެސްމެއެވެ.