ޚަބަރު

ތުރުކީގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި


ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިވެފައިވާކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.އެކަމަނާ މިހެން ވިދާޅުވީ، ތުރުކީވިލާތުގެ އަސްކަރީ މަނަވަރެއްކަމަށްވާ "ޓީ.ސީ.ޖީ ގިޑިޒް" ރާއްޖެއަށް ޒިޔާރަތްކުރުމާއި ގުޅިގެން، ރޭ އެމަނަވަރުގައި ބޭއްވި ޚާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.ތުރުކީގެ މި މަނަވަރު ދުނިޔޭގެ އެކި ޤައުމުތަކަށް ކުރަމުންދާ މި ޒިޔާރަތަކީ 1890 ވަނަ އަހަރު ޖަޕާނުން ފުރައިގެން ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ދަތުރުކުރަމުންދިޔަ އެޤައުމުގެ އަސްކަރީ މަނަވަރެއް ކަމަށްވާ "އެރުތޫރޫ" ނަމަކަށް ކިޔާ މަނަވަރު ޖަޕާންގެ ކުށިމޯޓޯ ކައިރީ ފަރަކަށް އަރާ، ބަންޑުން ޖަހާލުމާއި ގުޅިގެން އެ މަނަވަރުން ދަތުރުކުރަމުންދިޔަ ފައްސަތޭކަ އަށްވުރެ ގިނަ ފަޅުވެރިން މަރުވި ހިތާމަވެރި ޙާދިސާއަށް ސަތޭކަ ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމަށް ކުރަމުންދާ ޒިޔާރަތެކެވެ.ގިޑިޒްގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖެއާއި ތުރުކީ ވިލާތާދެމެދު އޮންނަ ޒަމާންވީ ގުޅުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރަމުންދާ މުނާސަބާއާއި ގުޅުވައިގެން ތުރުކީގެ މަނަވަރެއް ރާއްޖެއަށް ޒިޔާރަތްކުރުމަކީ އެކަމާ އުފާކުރައްވާ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މިއަހަރަރުގެ މެއިމަހު ކުވައިތުގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ ސާޅިސް ދެވަނަ ފޮރިން މިނިސްޓްރުންގެ ބައްދަލުވުމުގައި ތުރުކީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރެއްވުމުގެ ފުރުސަތު އެކަމަނާއަށް ލިބިވަޑައިގެންނެވިކަން ފާހަނގަކުރައްވާ، މި ބައްދަލުވުމުގައި، ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.މި ހަފުލާގައި ވާހަކަދައްކަވަމުން ގިޑިޒް ނޭވީގެ ޗީފް އޮފް ކޮމާންޑް ޔޫސުފް ކޮޖަމަން ވިދާޅުވީ، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އެ މަނަވަރުގެ ފަރާތުން ފަށާފައިވާ ދަތުރުތަކުގައި އޭޝިޔާ އަދި އެފްރިކާ ބައްރުގެ ތޭރަ ޤައުމެއްގެ އަށާރަ ޕޯޓަކަށް ބަނދަރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދަތުރުތަކުގައި ޤައުމުތަކުގެ އަސްކަރީ އަދި ސަރުކާރުގެ އެހެން މުއައްސަސާތަކަށް ޒިޔާރަތްކޮށް، ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ކޮޖަމަން ވިދާޅުވިއެވެ.ޓީ.ސީ.ޖީ ގިޑިޒްގެ މި ޒިޔާރަތުގައި ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، އެޤައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ކަނޑުފޭރުންފަދަ ހަމަލާތަކުން ޤައުމުތައް ސަލާމަތް ކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން އޯޝަން ޝިލްޑް"އަށް އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރުމަކީވެސް މި ޒިޔާރަތުގެ މަޤުސަދެކެވެ.