ވިޔަފާރި

ދަނޑުވެރި ނަފާ ލޯނަށް އަންނަ އަހަރު ކްރެޑިޓް ސްކީމެއް ތަޢާރަފްކުރަނީ


ދަނޑުވެރިކަމަށް ދޫކުރާ، ދަނޑުވެރި ނަފާ ލޯނަށް އަންނަ އަހަރު ކްރެޑިޓް ސްކީމެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރިސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޑިރެކްޓަރ، އިސްމާޢިލް ރަޝީދު ވިދާޅުވީ ސަރުކާރުން އެސްޑީއެފްސީ މެދުވެރިކޮށް ދެމުންގެންދާ ދަނޑުވެރި ނަފާ ލޯނަށް ތަރުޙީބު ބޮޑުކަމަށެވެ.

އިސްމާޢިލް ވިދާޅުވީ ލޯނު ނެގުމުގައި ދަނޑުވެރިންނަށް ފަސޭހަކުރުމަށްޓަކައި މިކަމުގައި އުޅޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ކްރެޑީޓް ސްކީމެއް ތަޢާރަފްކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ.

"އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޗަންގެ ދަށުން މިހާރުވެސް ދަނީ ދަނޑުވެރިކަމުގެ ނަފާ ލޯނު ޕްރޮގްރާމުގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންދަމުން. މީގެ އިތުރުން އަޅުގަނޑުމެން މީގެ ތެރެއަށް އިތުރު އެބަކުރަން ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކްރެޑިޓް ސްކީމެއް." އިސްމާޢިލް ރަޝީދު ވިދާޅުވިއެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ބޭންކެއް ހުޅުވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. މައިގަނޑު ހަތަރު ދާއިރާއަކަށް ލޯނު ދޫކުރުމުގެ ފުރުސަތު ހުޅުވާލިއިރު ދަނޑުވެރިކަމަށް ޚާއްސަކޮށްގެން "ދަނޑުވެރި ނަފާ"ގެ ނަމުގައި ލޯން ދޫކުރުމަށް ބޭންކުން ހުޅުވާލިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ އެގްރިކަލްޗަރ ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ފައިސަލް ވިދާޅުވީ މިހާތަނަށް ދަނޑުވެރި ނަފާ ލޯނަށް 25 ލޯން އެޕްލިކޭޝަން ލިބިފައިވާއިރު ދަނޑުވެރިކަމުގެ އެކި ބޭނުންތަކަށް 2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާކަމަށެވެ.

ފައިސަލް ވިދާޅުވީ ދޫކުރެވޭ ލޯނުތަކަކީ ދަނޑުވެރިކަމުގެ ބޭނުންތަކަށް ދޫކުރެވޭ ފައިސާތޯ ބެލުމަށް މިނިސްޓްރީން ޚާއްސަ އިސްކަމެއް ދޭކަމަށެވެ.

"އަޅުގަނޑުމެން މީގައި ބޮޑަށް މި ބަލަނީ މިފަހަރު މިދޫކުރެވޭ ލޯންތަކަކީ ދަނޑުވެރިކަމަށް އިންވެސްޓުކުރެވޭ ލޯންތަކެއް ތޯ ބެލުން. އެގޮތުން އެޕްލިކޭޝަން ހުށަހަޅާއިރު ވެސް ޖެހޭނެ ކޯޓޭޝަން އާއި އެއްކޮށް ދޭން. އެބޭފުޅުން ގަންނަން ބޭނުންފުޅުވާ އެއްޗެއް ޖެހީމަ އަޅުގަނޑުމެން ފައިސާ ދިނުމުގެ ބަދަލުގައި ބޮޑަށް އެ އެއްޗިހި މިގަނެދެނީ." ހުސެއިން ފައިސަލް ވިދާޅުވިއެވެ.

ދަނޑުވެރި ނަފާ ލޯނު ސްކީމުން ލޯނަށް އެދި ހުށަހެޅޭނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމަށާއި އެގްރޯ ފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީ ޤާއިމްކުރުމާއި ދިރޭ ކުދި ޖަނަވާރު ގެންގުޅުން އަދި ދަނޑުވެރިކަމަށް ވެލިއު އެޑެޑް ޕްރޮޑަކްޓްސްތައް އުފެއްދުމަށެވެ.