ވިޔަފާރި

ބީއެމްއެލްއިން ނ. ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި


ބޭންކް އޮފް މޯލްޑިވްސް އިން ނ. ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.

ނ.ވެލިދޫ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް ބީއެމްލްއިން ވިދާޅުވެއެވެ. މީގެއިތުރުން ޕަރސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭންކު ހުޅުވިފައި ހުންނަ ވަގުތުތަކުގައި މި ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ނ. ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށްފައިވާއިރު، މީގެކުރިން އެރަށުގައި ހުންނަނީ ބީއެމްއެލްގެ އޭޓީއެމްއެއް އެކަންޏެވެ. ނަމަވެސް އޭޓީއެމްގެ ބަދަލުގައި ބެންކިންގ ސެންޓަރެއް ވެލިދޫގައި ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަހަރު ކުރީކޮޅު އެރަށަށް ވަޑައިގެން ވަޢުދުވެވަޑައިގެންފައެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބެންކިންގ ސެންޓަރެއް އެރަށުގައި ޤާއިމްކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ވެލިދޫގައި ޤާއިމްކުރި ސެލްފް ސަރވިސް ސެންޓަރާއިއެކު ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގ ޚިދުމަތް ދޭ 3 ބްރާންޗާއި، 3 ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމް މިހާރު ހުންނާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި ނ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖަންޓުން މެދުވެރިކޮށްވެސް ޚިދުމަތް ލިބޭނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.