ވިޔަފާރި

ހުޅުމާލޭގައި ނައިޓްމާކެޓް ބޭއްވޭނީ 2 ސަރަހައްދެއްގައި - އެޗްޑީސީ


ހުޅުމާލޭގައި ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނެ ސަރަހައްދުތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ކަނޑައަޅައިފިއެވެ.

ހުޅުމާލޭގައި ނައިޓް މާކެޓް ނުވަތަ ފެއަރތައް ބޭއްވުމަށް އެޗްޑީސީން ކަނޑައަޅާ، އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ހުޅުމާލޭގައި ނައިޓްމާކެޓް ނުވަތަ ފެއަރ ބޭއްވޭނީ 2 ސަރަހައްދެއްގައެވެ. އެއީ ސެންޓްރަލް ޕާކާއި ރުއްގަނޑު 2 ސަރަހައްދެވެ.

މި އުސޫލުގައި ހުޅުމާލެއިން ނައިޓް މާކެޓް ބޭއްވުމަށް ބިން ދޫކުރާނެ އަގުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނައިޓް މާކެޓް ބޭއްވުމަށް ސެންޓްރަލް ޕާކު ސަރަހައްދު ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވަހު ކުލީގެ ގޮތުގައި 10000 ރުފިޔާއަށެވެ. އަދި ރުއްގަނޑު 2 ސަރަހައްދު ދޫކުރަނީ 4200 ރުފިޔާއަށެވެ.

ދުވަހުކުލީގެ އިތުރުން ހަރަކާތުގައި ބަހައްޓާ ކޮންމެ ސްޓޯލްއަކުން ސްޓޯލް ފީގެ ގޮތުގައި 300 ރުފިޔާ ނަގާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ކުއްޔަށް ހިފާ ސަރަހައްދަށް ދައްކަންޖެހޭ ކުލީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ކުލީގެ 50 އިންސައްތަ އެޗްޑީސީއަށް ދައްކަންޖެހޭނެއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރެވޭގޮތަށް ހުޅުމާލޭގައި ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން އަހަރަކު 2 ފަހަރުއެވެ. އެއީ ބޮޑު ޗުއްޓީ ދުވަސްވަރު އަދި ރޯދަމަހާދިމާކޮށެވެ.

ނައިޓް މާކެޓް ނުވަތަ ފެއަރ ބާއްވަން ދޫކުރެވޭނީ ގިނަވެގެން 7 ދުވަހުގެ މުއްދަތަކަށެވެ. ފެއަރ ނައިޓްމާކެޓް އަދި މަގުމަތީ ބާޒާރުގައި ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުރި މުދާ އެކަނިކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި މީގެކުރިން ވަނީ ވިދާޅުވެފައެވެ.