ޚަބަރު

މަޖިލީހުގެ ރައީސް އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ޚަރުދަނާ ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މަޝްވަރާކުރައްވައިފިއެވެ.

މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު އިސްކޮށްހުންވައި މަޖިލީހުގެ އިދާރާގެ އިސްބޭފުޅުންނާއި، މަޖިލީހުގެ މެމްބަރުން އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދުވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ޚަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެމަޖިލީހާއި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކުވެވުނު އެމްއޯޔޫއާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މޯދީއާއި ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރަހައްދީ މައްސަލަތަކާއި، ދުނިޔޭގެ މައްސަލަތަކާއި ބެހޭ ގޮތުން މޯދީއާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޕެރިސް ޓާގެޓްސްގެ އިތުރުން، އިޔާދަ ކުރަނިވި ހަކަތައާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރުވަނީ މަޖިލީހުގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ރާއްޖޭގެ ވަފްދާއިވެސް ބައްދަލުކުރައްވާފައެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާއެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އިދާރާގެ ދެމެދުގައި ގުޅުން ވަރުގަދަކޮށް، ތަމްރީން ފުރުސަތުތައް ފަހިކުރެވިގެންދާނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ލޮކްސަބާ އާދެމެދު ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ފަރާތުން ސޮއިކުރެއްވީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާއެވެ.