ޚަބަރު

މަދަނީ އިޖުރާއަތުގެ ބިލު ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި


ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލަށް ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ތެރޭގައި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުގެ ކުރިން އާންމުންގެ ޚިޔާލަށް ހުޅުވާލާފައިމިވަނީ ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖަޢާކޮށް، އިޞްލާޙުކުރުމަށްޓަކައިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

މި ބިލަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީފައިވާ ބިލެކެވެ.

މި ބިލުގެ މަޤްޞަދުގެ ތެރޭގައި ޚަޞްމުންނާމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދިނުން ހިމެނެއެވެ. އަދި މިއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެއްކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

މި ބިލަށް ޚިޔާލުހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް ބަނޑާރަނާއިބުގެ އޮފީހުން ވިދާޅުވެއެވެ.