ޚަބަރު

"ޓޭސްޓް އޮފް އިންޑިއާ"ގެ ނަމުގައި ފުޑް ފެސްޓިވަލެއް ލޯންޗް ކޮށްފި


ރާއްޖެއާ އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް އިންޑިއަން ހައިކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ޓޭސްޓް އޮފް އިންޑިއާ"ގެ ނަމުގައި ފުޑް ފެސްޓިވަލެއް ލޯންޗް ކޮށްފިއެވެ.މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި މި ފެސްޓިވަލް ލޯންޗް ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައިކޮމިޝަނަރ ރަޖީވް ޝަހާރޭ ވިދާޅުވީ، މިފަދަ ގޮތަކަށް ދިވެހިންނަށް ހުޅުވާލައިގެން ފުޑް ފެސްޓިވަލްއެއް ފެށުމުގެ ބޭނުމަކީ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާގެ ކާނާއަށް ލޯބިކުރާ ދިވެހިންނަށް ފުރުސަތު ހުޅުވާލުންކަމަށެވެ. އަދި ޚާއްސަކޮށް މި ފެސްޓިވަލްގެ ދަށުން ކުރިއަށްގެންދާ އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖަކީ އާންމުންނާ ވަރަށް ބޮޑަށް ގުޅިގެން ކުރިއަށްގެންދާނެ އިވެންޓެއް ކަމަށާއި، އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.މި ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއަން ހައިކޮމިޝަނާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އަދި ހޮޓެލް ޖެން ގުޅިގެންނެވެ.އޮގަސްޓު 19 އިން 24 އަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ދަށުން ކެއްކުމުގެ މުބާރާތެއް ގޮތުގައި ކުރިއަށްގެންދާ އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖްގެ އިތުރުން، އިންޑިއާގެ ކާނާގެ އެކި ރަހަތަށް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ބޮލީފުޑް ފެސްޓިވަލާއި، ކެއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވޯކްޝޮޕްތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިންޑިއަން ހައިކޮމިޝަނުން މައުލޫމާތުދެއެވެ.