ދުނިޔެ

އީރާނުގެ ނިއުކްލިއާ ވާހަކަތަކުގެ މުއްދަތު އިތުރުކުރަން ނިންމައިފި


ޖެނީވާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔަރ
ވާހަކަތަކުގެ މުއްދަތު އިތުރު ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނިންމައިފިއެވެ. އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގެ މުއްދަތު
އިތުރުކުރުމަށް ނިންމީ މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ފަސް ބާރާއި
ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރުން ޖެނީވާގައި ބައްދަލުކުރައްވައި މަޝްވަރާ
ކުރެއްވުމަށްފަހުގައި ކަމަށް މިވާހަކަތަކާ ގުޅުންހުރި ޑިޕްލޮމެޓިކް ދާއިރާތަކުން
ބުނެއެވެ.އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު
ޖެނީވާގައި ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތައް މުއްދަތު މިދިޔަ ޖޫންމަހުގެ 30 ގައި އިތުރުކޮށްފައިވަނީ މިޖުލައި މަހުގެ 7 ގެ ނިޔަލަށެވެ. ނަމަވެސް
މިމުއްދަތުގައިވެސް މިކަމާބެހޭ ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވުމުން ރޭގައި
މިވަނީ ވާހަކަތަކުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައެވެ. ނަމަވެސް އިތުރުކުރި މުއްދަތު އެހާބޮޑަށް ސާފުވެފައެއްނުވެއެވެ. މުއްދަތު އިތުރުކުރީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނާއިރު ވިލާތުގެ
އިއްތިޙާދުގެ ޚާރިޖީ ވިލަރެސް ވެރިޔާ ފްރެޑްރިކާ މޮގިރީނީ ވިދާޅުވީ މުއްދަތު
އިތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ
ނިޔަލަށް ކަމަށެވެ. ނަމަވެސް އެއަށްފަހުވެސް
ވާހަކަތައް ކުރިޔަށްގެންދިޔުމަށް ހުރަހެއްނެތް ކަމަށާ އަމާޒަކީ ރަނގަޅު
އެއްބަސްވުމަކާ ހަމައަށް ދިޔުންކަމަށް މޮގިރީނީ ގެ އިތުރުން ރަޝިޔާގެ ޚާރިޖީ
ވަޒީރު ސަރްގީ ލާވްރޯވް ވެސް ވިދާޅުވިއެވެ.އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގެ މައުލޫމާތު ހޯދައި ދިރާސާކުރާ މަރުކަޒެއް
ކަމަށްވާ "އަރަބް ސެންޓަރ ފޯރ
އީރާނިޔަން ސްޓްޑީޒް" ގެ ވެރިޔާ މުހައްމަދު ސާލިޙް ސިއްދީގިޔާން ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ
ވާހަކަތަކުގައި ޙައްލު ނުކުރެވި ވަނީ 8 މައްސަލައެއް ކަމަށާ މި 8 މައްސަލަ
ކުރިޔަށްއޮތް 72 ގަޑީއިރު ތެރޭގައި
ހައްލުކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އެގައުމާއި ދުނިޔޭގެ ބޮޑެތި
ބާރުތަކާދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދެލިކޮޕީގެ 90 އިންސައްތަ ލިޔެ ނިންމާފައިވާ ކަމަށްވެސް ސިއްދީގިޔާން ވިދާޅުވިއެވެ.ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވެސް ވަނީ ދާއިމީ އެއްބަސްވުމަކާ
ހަމައަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާ މިކަމަށް ބޭނުންވަނީ އިތުރު
ވަގުތުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ މައްސަލާގައި
އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ދާއިމީ
އެއްބަސްވުމުގެ ދެލިކޮޕީ ލަސްތަކެއްނުވެ ހާމަވެގެންދާނެ ކަމަށްވެސް ލާވްރޯވް
ވިދާޅުވިއެވެ.އަނެއްކޮޅުން އީރާނުގެ
ނިއުކްލިޔަރ ވާހަކަތަކުގައި ކުރިއެރުންތައް ލިބެމުންދާތީ ވިލާތުގެ
އިއްތިޙާދުންވަނީ އެއިއްތިޙާދުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ
ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް އަމަލުކުރުން ހުއްޓާލާފައި އޮންނަ އޮތުން
މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް
އިތުރުކުރުމަށްވެސް އިއްޔެ ނިންމާފައެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އެގައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު އެންމެ
ފުރަތަމަ އެއްބަސްވުމަކަށް އާދެވިފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އެއަށްފަހު މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އީރާނުގެ ނިއުކްލިއަރ މައްސަލަ
ހައްލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމަކާ ހަމައަށްވެސް ދެފަރާތުން ގޮސްފައިވެއެވެ.

މިމައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް
ދެފަރާތުން ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިދިޔަ ޖޫންމަހުގެ 30 ގެ ނިޔަލަށެވެ. ނަމަވެސް
މިމުއްދަތުގައިވެސް ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވުމުން މިހާރު ގެންދަނީ
އެކިފަހަރުމަތިން މުއްދަތު އިތުރުކުރަމުންނެވެ.އީރާނުގެ ނިއުކްލިއާ މައްސަލާގައި ދާއިމީ އެއްބަސްވުމަކަށް ދިޔުމަށް
ހުރަސްއަޅާ މަދުކަންތައްތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ
ހުރިހާ ފިޔަވަޅުތައް އުވާލާނެ ގޮތްތަކާބެހޭގޮތުން އީރާނާއި ބޮޑެތި ބާރުތަކާދެމެދު ޚިޔާލުތަފާތު
ވެފައިވުން ހިމެނެއެވެ. މީގެއިތުރުން
އީރާނުގެ އަސްކަރީ ސައިޓްތައް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް އެމެރިކާއާއި
ފަރަންސޭސިވިލާތުން އެދޭމައްސަލައާއި އީރާނުގެ ސައެންސްވެރިންނާ ސުވާލުކުރުމަށް އެދޭމައްސަލަވެސް
ހައްލުނުކުރެވޭ މަދު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.