ވިޔަފާރި

އައްޑޫ ސިޓީ ހުޅުމީދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި


އައްޑޫ ސިޓީގެ ހުޅުމީދޫގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

ހުޅުމީދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް މީރާއިން ވިދާޅުވެއެވެ.

ހުޅުމީދޫގައި މީރާއިން ހުޅުވި ކަލެކްޝަން ސެންޓަރުގެ އިތުރުން 2012 ވަނަ އަހަރު އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުވާފައިވާ މީރާގެ އައްޑޫ ބްރާންޗް މެދުވެރިކޮށްވެސް އައްޑޫ ސިޓީއަށް މީރާގެ ޚިދުމަތްތައް ދެމުން ގެންދާނެކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާގެ އޮފީސްތައް މާލޭގެ އިތުރުން، 14 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.