ވިޔަފާރި

އިއްތިހާދު އެއަރވޭސްގެ 787 ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އިއްތިހާދު އެއަރވޭސްގެ ބޮއިންގ 787 ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އިއްތިހާދު އެއަރވޭސްއިން ބުނާގޮތުން އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ޑްރީމްލައިނަރގެ މަތިންދާބޯޓުތައް ބޭނުންކުރަން ފިނި މޫސުމުގައި އެކަންޏެވެ.

އިއްތިހާދު އެއަރވޭސްގެ ޑްރީމްލައިނަރގެ ދަތުރުތައް އަބޫދާބީން މާލެއާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް އަންނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ ޑްރީމްލައިނަރ ގައި 299 ގޮނޑި ހުރެއެވެ. އެއީ ބިޒްނަސް ކުލާހުގެ 28 ގޮނޑިއާއި، އިކޮނޮމީ ކުލާހުގެ 271 ގޮނޑިއެވެ.

އިއްތިހާދު އެއަރވޭސްއިން މަޢުލޫމާތުދޭ ގޮތުގައި އެ އެއަރލައިނުން ރާއްޖެއަށް ބާއްވާ ޝެޑިއުލް ދަތުރުތައް މިމަހުގެ 17 ވަނަ ދުވަހުން އިން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު އެ އެއަރލައިނުން އަންނަނީ ހަފްތާއަކު 11 ދަތުރު ޔޫއޭއިން ރާއްޖެއާއި ދެމެދު ބާއްވަމުންނެވެ.

އިއްތިހާދު އެއަރވޭސްގެ އިތުރުން ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކުންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށް، ޑްރީމްލައިނަރގެ ބޯޓުތަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އެގޮތުން ސިންގަޕޯރ އެއަރލައިންއާއި، އެއަރ ފްރާންސްގެ އިތުރުން އިޓަލިއަން ލެޝަރއިންވެސް ރާއްޖެއަށް ކުރާ ދަތުރުތަކުގައި ޑްރީމްލައިނަރގެ ބޯޓުތައް ބޭނުންކުރެއެވެ.