ވިޔަފާރި

މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ 33.5 އިންސައްތަ އިތުރުވެއްޖެ


ނޮވެމްބަރުމަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ 33.5 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރުމަހު މީރާއަށް ވަނީ އާމްދަނީގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 33.5 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވެއެވެ.

މިއަހަރުގެ ނޮވެމްބަރުމަހު ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީއަށްވުރެ އިތުރު ވެފައިވަނީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ގްރީން ޓެކްސް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިދިޔަ ނޮވެންބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 56.6 އިންސައްތަ ނުވަތަ 651.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ 13.3 އިންސައްތަ ނުވަތަ 153.6 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 73.15 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 59.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.40 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރުގެ ނޮވެންބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.