އިންޑިއާ ކަނޑުގައި ޤާނޫނާއި ޤަވައިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ 39 ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ޒަމާނުއްސުރެ ތިމާވެށީގެ ގޮތުން ރައްކާތެރި މަސްވެރިކަމެއްކަމަށެވެ. އެހެންނަމަވެސް އިންޑިއާ ކަނޑުގައި ޤާނޫނާއި ޚިލާފަށް ކުރަމުންދާ މަސްވެރިކަމާއިއެކު ރާއްޖޭގެ މަސްވެރިކަމަށް ވެސް އަސަރުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ފަދަ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން އަޑުއުފުލާ މިސާލު ދައްކަންޖެހޭކަމަށެވެ.
"ޤާނޫނާއި ޤަވައިދާއި ޚިލާފަށް ބެލެހެއްޓުމެއްނެތި އިންޑިއާ ކަނޑުގައި ކުރަމުންދާ މަސްވެރިކަމަކީ ވެސް ދިވެހިރާއްޖެ ފަދަ ތިމާވެށްޓާއި ރައްޓެހި ސާފު މަސްވެރިކަމެއް ކުރަމުންދާ ޤައުމަކަށް އޮތް ބޮޑު ގޮންޖެހުމެއް. ހިތާމައަކީ ފަހަކަށް އައިސް ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ވެސް ފަހަކަށް އައިސް ފެންނަމުންދާ މަންޒަރެއް. އެހެންކަމުން، މިފަދަ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން މިކަމާއި ގުޅޭ ޚާއްސަ މަސްރަޙުތަކުގައި ބައިވެރިވެ މިސާލު ދައްކަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަން." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ ކަނޑުމަހުގެ ބަވާތްތަކުގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިންޑިއާ ކަނޑުގައި މަދުވުމާއެކު މަހުގެ ސްޓޮކް އަލުން އިޔާދަކުރުމަށްޓަކައި އިންޑިއާ ކަނޑުން މަސް ބަނާ މިންވަރު މަދުކުރުމަށް ބައިނަލްއަޤްވާމީ އިދަރާތަކުން މިހާރުވެސް ގޮވާލާފައިވާކަމަށެވެ. އެހެންކަމުން، މިއީ ކަނޑުމަހަށް ބަރޯސާވެފައި ތިބި ދިވެހި މަސްވެރިންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ދިވެހި މަސްވެރިން އެމަސްވެރިކަމަކަށް ބަރޯސާވެފައިވާ ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޯކްގެ ހާލަތު އަންގައިދޭ މިންގަނޑު މިއަދު ވަނީ ރަތް ދަރަޖައިގައި. މިއީ ރާއްޖެއަށް އޮތް ގޮންޖެހުމެއް. ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް އަލުން އިޔާދަކުރުމަށްޓަކައި އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ހުރިހާ ޤައުމަކުން މަސް ބާނާ މިންވަރު މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން މިއަދު ދަނީ ބާރު އަޅަމުން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ޒަމާނަށް ފެތޭ ޤާނޫނެއް އޮތުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހު އަމަލުކުރަން ފެށި މަސްވެރިކަމާބެހޭ ޤާނޫނާއެކު މަސްވެރިންނަށް މިހާރު ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.