ކުޅިވަރު

ދެން އޮންނަ ސައުތް އޭޝިއަން ގޭމްސްގައި އަމާޒަކީ ރަން މެޑަލް ހޯދުން: ޝިއުރާ


2021 ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ޓާގެޓަކީ ރަން މެޑަލް ހޯދުންކަމަށް އެ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އައިމިނަތު ޝިއުރާ ބުނެފިއެވެ.

ސައުތް އޭޝިއަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު މެޑަލްއެއް ހޯދާފައިވަނީ ނޭޕާލްގައި އިއްޔެ ނިމުނު ސައުތް އޭޝިއަން ގޭމްސްގައެވެ. އެގޮތުން ގޭމްސްގެ އަންހެން ބާސްކެޓް ބޯޅަ އިވެންޓްގެ ލޯ މެޑަލް ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ހޯދާފައެވެ.

ބޫޓާން ބަލިކޮށް ހޯދި ތާރީޙީ ކާމިޔާބަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ ބުނީ، ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްގައި ރިހި މެޑަލްއަށް ޓާގެޓް ކުރުމުގެ ބަދަލުގައި ރަން މެޑަލް ހޯދުމަކީ މިހާރު އަމާޒުކަމަށެވެ. ޝިއުރާ ބުނީ ރާއްޖެއަށް ރަން މެޑަލް ނުލިބެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، ގިނަ ޓްރެއިނިންގ ކޭމްޕްތަކަށް ގޮސް ވާދަވެރި މެޗުތައް ކުޅުނު ވަރަކަށް ޓީމުގެ ފެންވަރުވެސް މަތިވާނެކަމަށެވެ.

ޝިއުރާ ބުނީ މާލޭގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ވާދަކުރެވޭ ފެންވަރުގެ ޓީމެއް ނެތުމަކީ ޓްރެއިނިންގ ކޭމްޕް އިތުރުކުރަން ޖެހޭ މައިގަނޑު އެއް ސަބަބުކަމަށެވެ.

ޝިއުރާ ބުނީ ސައުތް އޭޝިއަން ގޭމްސްއަށް މިފަހަރު ނޭޕާލްއަށް އައީ ލޯ މެޑަލް ހޯދުމަށް ޓާގެޓް ކަނޑައަޅައިގެން ކަމަށާއި، ހުސްއަތާ އެނބުރި ޤައުމަށްދާން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުވާކަމަށެވެ. އަދި ތަޖުރިބާ މަދު ޒުވާން ކުޅުންތެރިންނާއެކު ލޯ މެޑަލް ހާޞިލްވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ޝިއުރާ ސިފަކުރިއެވެ.

"ވަރަށް އުފާވޭ. މިކޮޅަށް ނޭޕާލްއަށް ގޭމްސްއަށް އައީ އަނބުރާ ހުސްތާ އެއްވެސް އެއްޗަކާއި ނުލާ ނުދާން ވެގެން. ހަމަ މެޑަލްއެއް ހިފައިގެން ދާން ވެގެން އައީ. އެހެންވީމަ އެޓާގެޓް ހާސިލް ވީމަ ވަރަށް އުފާ ވެއްޖެ ޓީމުގެ ހުރިހާ ކުޅުންތެރިން ކުޅުންތެރިންވެސް ތިބީ ވަރަށް އުފަލުން އަލްހަމްދުﷲ ހަމަ ކުރި މަސައްކަތުގެ ނަތީޖާ ލިބިއްޖެ މިއަދު އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން ހެލްޕްކޮށްދިން ހުރިހާ އެންމެންނަށް. ދެން އަންނަ ސައުތް އޭޝިއަން ގޭމްސްގައި ޓާގެޓް ކުރާނީ ގޯލްޑް އަކަށް. ނުލިބެންވީ އެއްވެސް ސަބަބެއް ނެތް. މާލޭގައި ޓްރެއިން ކުރާނެ ޓީމެއް ނެތީމަ ޓްރެއިނިންގ ކޭމްޕް ކުރި ވަރަކަށް ޓީމު އިތުރަށް ކުރި އަރާނެ. ވަރަށް މުހިއްމު ޒުވާން ކުޅުންތެރިންނާއެކު ކޭމްޕް ކުރަން." ޝިޢުރާ ބުންޏެވެ.

ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ މަސައްކަތް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ފެށީ މިއަހަރުގެ މެއި މަހުއެވެ. އޭގެ ފަހުން ހދ.ކުޅުދުއްފުށީގައި ކޭމްޕްކޮށް ޓްރެއިނިން ހަދާފައިވާއިރު އޭގެ ފަހުން ޤައުމުން ބޭރުގައި ތައިލެންޑްއާއި ޗައިނާގައި ޤައުމީ ޓީމު ވަނީ މުހިއްމު ޓްރެއިނިންގ ކޭމްޕްތަކެއް ފުރިހަމަކޮށްފައެވެ.