ޚަބަރު

މީގެ ކުރިން މަސްވެރިކަމުގެ ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްފައެއް ނެތް - ރައީސް


ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މަސްވެރިކަމުގެ ޞިނާޢަތަށް ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނުވާކަމަށާއި، މި ސަރުކާރުން، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހި މަސްވެރި ކަމަކީ، އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިޤްތިޞާދީ ތަރިކައެއް ކަމަށެވެ. ނަމަވެސް މިއަދުވެސް ރާއްޖޭގެ އިޤްތިޞާދަށް، މަސްވެރިކަމުގެ ފައިދާ ފުރިހަމައަށް ނުލިބޭ ވާހަކަ ދައްކަންޖެހިފައި ވާކަމަށާއި، ދިވެހިން ބާނާ ކަޅުބިލަމަސް، ފިނިކުރި މަހުގެ ގޮތުގައި، 1970ގެ އަހަރުތަކުގައި ރާއްޖޭން އެކްސްޕޯޓް ކުރަން ފަށައި، މަސް ދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން، ދިވެހި މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތައް އަންނަން ފެށިކަމަށް ރައީސް ވިދޅުވިއެވެ.

ރާއްޖޭގައި ހަމަ އެދުވަސްވަރު ފަތުރުވެރިކަން ފެށިގެންދިއުމާއި އެކު ފެނިގެން ދިޔައީ، ޒަމާނުއްސުރެ ކުރަމުންއައި މަސްވެރިކަން ފަހަތަށް ޖައްސާލައި އަލަށް އުފަންވި ފަތުރުވެރިކަން، ހަލުވި ދުވެއްޔެއްގައި އިޤްތިޞާދީ ރޭހުގެ ކުރިއަށް އަރައިގެން ދިޔަ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތަށް ދިމާވީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން އެކަން ކޮންޓްރޯލްކުރަމުން ދިޔުމުންކަމަށާއި، މިއަދު ދިވެހިން ކުރިމަތިލާންޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާއާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ޞިނާޢަތު ކުރިއަރަންވީ ވަރަށް ކުރި ނާރައި މިހާ ދުވަހު މިއޮތީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފަ ނެތީމަ. ދިވެހި މަސްވެރިކަމުގެ ބާވަތާއި ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑުމެން މިއަދު ތިބެންޖެހޭނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި." ރައީސް ވިދާޅުވިއެވެ.

ދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ދުވަސްވަރު، މަސްވެރިކަމުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލި ނަމަ، ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖޭގެ އެކި އަތޮޅުތަކުން މިހާރު ފެންނަން ހުންނާނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަދުގެ ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިކަމުގެ ޞިނާޢަތުގައި، އިންވެސްޓްކުރުމުގެ މަގު އަމިއްލަ ވިޔަފާރިވެރިންނަށް ވީހާ ބޮޑަކަށް ހުޅުވައިދީ އެކަމުގައި އެހީތެރިވެދިނުން ކަމަށެވެ.

މި ސަރުކާރުން މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލާނެ ކަމަށާއި، ސިޔާސަތުތައް ކަނޑައެޅުމާއި، މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދީ ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ގެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން. އެކަން ފުރިހަމަކުރުމުގެ ކަންކަން އެ ދަނީ ކުރެވެމުން. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިތުރުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުން ނަމަ، މަހުގެ އަގާ މެދު ބަސް ބުނުމުގެ ބާރު، ދިވެހިންގެ އަތްމައްޗަށް ގެންނަންޖެހޭ ކަމަށާއި، ދިވެހިން ބާނައި އެކްސްޕޯރޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ އިޚްތިޔާރު މަސް ގަންނަ ބޭރުގެ ކުންފުނިތަކަށް އޮންނަ އޮތުން ބަދަލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިޙް ވަނީ ދިވެހިންގެ ދޮށީގެ މަސްވެރިކަމުން ބާނާ މަސް ބޮޑު އަގުގައި ވިއްކޭނެކަން ހާމަކުރައްވާފައެވެ.