ޚަބަރު

ފާއިތުވެދިޔަ 5 އަހަރު ހިންގި އިންސާނިއްޔަތާއި ޚިލާފުއަމަލުތައް ބަލަންޖެހޭ - އެމްއާރުއެމް


ހިއުމަންރައިޓްސް ކޮމިޝަނުން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި، ވެފައިވާ އިހުމާލުތަކުގެ މައްސަލަތައް ބަލައި، ޙައްޤުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގައި އެމްއާރުއެމްއިން ބުނެފިއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނަށް ފާއިތުވެދިޔަ ދުވަސްތަކުގައި ހުށަހެޅުނު އެތައް ޝަކުވާތަކެއް ނިމިގެން ދިޔައީ އަސާސީ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ ޢަމަލު ހިންގި ފަރާތްތަކުގެ މަސްލަޙަތުގައި ކަމަށެވެ. އެމްއާރުއެމްގެ ލީޑަރުންނާއި، ގިނަ ޢަދަދެއްގެ ސިޔާސީ ފަރާތްތަކަށް ޖަލުގައި ދެމުންދިޔަ ލާއިންސާނީ އަނިޔާ އާއި، ބޭއިންސާފު ޝަރީޢަތްތަކާއި މެދު އުފުލަމުންދިޔަ ޝަކުވާތަކަށް ހިއުމަންރައިޓްސް ކޮމިޝަނުން ބީރުކަންފަތެއް ދީގެން އޮތީ، ވަކި ބައެއްގެ ސިޔާސީ މަސްލަޙަތު ނެގެހެއްޓުމަށް ކަމުގައި އެމްއާރްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އެފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެފައި އޮތްއޮތުން ބަދަލުކޮށް، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރާނޭކަމުގެ ކަށަވަރުކަމާއި، ގެއްލިދިޔަ އިތުބާރު އަލުން ޤާއިމު ކުރެވޭނީ ފާއިތުވެދިޔަ ތަނުގައި ހިއުމަންރައިޓްސް ކޮމިޝަނުން ވެފައިވާ އިހުމާލުވުންތައް ރަނގަޅަށް ބެލި، ޙައްޤު ގެއްލުނު ފަރާތްތަކަށް އިންސާފު ލިބިދެވިގެން ކަމުގައި އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގައި ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން، އެ ޒިންމާއާމެދު އިހްމާލުވުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނޭކަމެއް ނޫންކަން ހުރިހާ ޢަމަލެއްގައިވެސް ސާބިތުކޮށްދީ، އެކަށަވަރުކަން ދެމެހެއްޓުމަށާއި، އެފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅޭނޭ އިންތިޒާމު ހަމަޖެއްސުމަށް އެމްއާރުއެމްއިން ވަނީ ދައުލަތަށް އިލްތިމާސްކޮށްފައެވެ.

މިގޮތުން ފާއިތުވެދިޔަ ތަނުގައި ދިވެހިރާއްޖެ ތަޖުރިބާކުރި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް މި ޕާޓީން ގޮވާލަމެވެ.

"ދިވެހިރާއްޖެއަކީ، އަސާސީ އިންސާނީ ޙައްޤުތަކުގައި ކުރިއަރާފައިވާ، ތަފާތުކުރުމެއްނެތި އަސާސީ އިންސާނީ ޙައްޤުތައް ލިބިދިނުމުގައި ނަމޫނާ ޤައުމަކަށް ހެދުމުގައި، ފަރުދީ ޒިންމާގެ މުހިންމުކަން ދެނެ، ކޮންމެ ރައްޔިތަކީވެސް އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގައި ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރާ ރައްޔިތަކު އުޅޭ ނަމޫނާ ޤައުމަކަށް މިޤައުމު ވާންޖެހެއެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި، އިހްމާލުތަކުގެ މައްސަލަތައް ބަލައި، ޙައްޤުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމުގައި ދެކި އެމައްސަލަތައް ބެލުމަށް އެމްއާރުއެމްގެ ބަޔާނުގައިވަނީ ގޮވާލާފައި ވެއެވެ.