ސިއްހަތު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި


މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދުވިނަމަވެސް، މިދިޔަ އޮކްޓޯބަރުމަހާ އަޅާބަލާއިރު، ނޮވެމްބަރުމަހުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިޗާ އަދަދު އިތުރުވެފައިވާކަމަށެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު ބޭރަށް ހިންގުމުގެ ދެހާސް ނުވަތަ ސަތޭކަ ފަސްދޮޅަސް ތިން ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަމަހު ބޭރަށް ހިންގުމުގެ ތިންހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އަށް ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ މިހާތަނަށް ބޭރަށް ހިންގުމުގެ ސާޅިސް ތިންހާސް ފަސްސަތޭކަ ހަތްދިޔަ ކޭސް ހުށަހެޅިފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކާ ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާޚާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން މުހިއްމުކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށާއި، ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން މުހިއްމުކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓު ބޭނުންކުރުމަށާއި، ފެނާއި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުމާއި، މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ޚިލާފަށް ބަނޑުގައިރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބޭރަށް ހިންގުން ޖެހިއްޖެނަމަ ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ، މަސައްކަތަށް ނުނިކުންނަވާ ގޭގައި އަރާމުކުރުމަށާއި، އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.