ޚަބަރު

އާއްމު އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ތުރުކީވިލާތުގެ އެހީތެރިކަން ހޯދަނީ


އާއްމު އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ތުރުކީވިލާތުގެ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ އިޖްތިމާޢީ ތަރައްޤީއާގުޅޭ މިނިސްޓީރިއަލް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ތުރުކީގެ މިނިސްޓަރ އޮފް ފެމިލީ، ލޭބަރ އެންޑް ސޯޝަލް ސަރވިސަސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ތުރުކީގެ މިނިސްޓަރ އޮފް ފެމިލީ، ލޭބަރ އެންޑް ސޯޝަލް ސަރވިސަސް ޒެޙްރާ ޒުމްރުތް ސެލްޗޫކާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އާއްމު އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ތުރުކީވިލާތާއެކު ގުޅުން ބަދަހިކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިޖްތިމާޢީ ތަރައްޤީއަށާއި، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރެވޭނެ ގޮތްތަކާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ތުރުކީވިލާތުގެ އިސްތަންބޫލުގައި ކުރިއަށްދާ އޯ.އައި.ސީގެ އިޖްތިމާޢީ ތަރައްޤީއާގުޅޭ މިނިސްޓީރިއަލް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ވަނީ ރާއްޖެއިން މިދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި، ހޯދަމުންދާ ކުރިއެރުންތައް ކޮންފަރެންސްގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ.

މިއީ 57 މެމްބަރު ޤައުމު ހިމެނޭ އޯ.އައި.ސީގެ ފަރާތުން އިޖްތިމާޢީ ތަރައްޤީއާގުޅޭގޮތުން މިނިސްޓީރިއަލް ފެންވަރުގައި ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.